ރާއްޖެއާއި ބަހްރައިން އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖެއާ ބަހްރައިންގެ ގުޅުން ބަދަހިކުރުމާ ގުޅޭ 4 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވާފައިވާ ކަަމަށެވެ.

މި އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް، ބަހްރައިންގެ އަލް ޤުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި، ބަހްރައިންގެ ރަސްގެފާނު، ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ބައިނަލްއަގުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެގައުމުގެ މެދުގައި ހިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ހަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެނުނު އެއްބަސްވުމަކާއި، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއް ވެސް އިޢުލާނު ކުރައްވާފައެވެ. ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަހްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި، ދިވެހިސަރުކާރުގެ މައުލޫމާތު ރައްކާކޮށް، އަމިއްލައަށް ބެލެހެއްޓުމަށް ބަހުރައިނުން ފުރުޞަތުދިނުމުގެ އެއްބަސްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏާޒްނި

    މިވަގުތު ދުނިޔެ ތިންވަނަ ބޮޑުހަނގުރާމައެއް ފެށިދާނެކަމުގެ ހަގީގީ ބިރު ތަހައްމަލް ކުރަމުންދާއިރު މިވެރިންނައް އެނގުނީ ޒުވާނުންނާއި މޫސުމީ ކަންކަމުގެ އެއްބަސްވުންހަދަން ރައްޔިތުންގެ ފައިސާ އިސްރާފުކޮއްފައި ދަތުރުކުރަންތަ.

  2. މޫސަ.

    ޢާއްމު ރައްޔިތުންއެކަނި ބަލައިގެން ޚަރަދު ކުރަންޖެހެނީ.މުޅިދައުލަތް އެއްކޮށް ބަހުރައިންއަށް. ެަބަދުވެސް ދަތުރު އަޅަނީ އެގޮތަށް.ރައްޔިތުންގެ ފައިސާ ވަކިބޔަކު މަޖާ ކުރާކަށް ުނުޖެހޭ.