ދިވެހި ސަރުކާރާއި ބަހްރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު، ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާއޭޖެންސީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން ދިވެހިންނަށް ރައްކާތެރި ސައިބަރ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން،ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބަރގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެއެވެ.

ރާއްޖޭގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ބަޓެލްކޯ އާއި ދިރާގު އެއްބަސްވުމަކަށް - ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި؛

އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ
ސެކުއިރިޓީ އިންޖިނިއަރިންގ
ސައިބަރ ޑިފެންސް
ސެކިއުރިޓީ އެޝިއުރެންސް
ސައިބަރ ތުރެޓް އަދި ތުރެޓް ހަންޓިންގ
އިންސިޑެންޓް ރެސްޕޮންސް ހިމެނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ސައިބަރ ސެކިއުރިޓީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޕްރޮފެޝަނަލުންނަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ގިނަ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"ބަޓެލްކޯ އަދި ދިރާގާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި ސައިބަރ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ޤާބިލުކަންއިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރަން" ޝައުނާ ވިދާޅުވިއެވެ.

ބަޓެލްކޯގެ ޗެއަރމަން ޝެއިޚް ޢަބްދުالله ބިން ޚަލީފާ އަލް ޚަލީފާ ވިދާޅުވި ގޮތުގައި ބަޓެލްކޯއިން ދާދި ފަހުން ތައާރަފްކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބަރ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއެކު އެމްއޯޔޫ އެއްގައި ސޮއިކުރުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެެވެ.

"ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ބަޓެލްކޯގެ ބިޔޯން ސައިބަރ އާއި ގުޅިގެން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. މި މަޝްރޫއުގެ ޒަރިއްޔާއިން އެންސީއައިޓީ އާއި އެކުއަޅުގަނޑުމެންގެ އިލްމާއި ތަޖުރިބާ ހިއްސާކުރެވި، ސަރުކާރާއި ވިޔަފާރިވެރިންނާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދުކުރަން،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.