ސަރުކާރުން އަމީނީ މަގު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ނަގަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައްސަލައިގައި މާދަމާ ގޮތެއް ނިންމާނެއެވެ.

ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި ވަނީ ގަސްތައް ނެގުން ހުއްޓުވުމުގެ އަމުރަކަށްވެސް އެދިފައެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހުގައި ޝަރީއަތުން ވަނީ އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ކޮންސަލްޓަންޓުން ދިން ލަފަޔާ ވެސް ހިލާފަށެވެ. އެހެންވެ، އެ މަގުން ގަސް ނެގުން ހުއްޓުވުމަށް ނަޝީދު ކޯޓަށް ވަޑައިގެންފައިވަނީ އެކަން ނުހުއްޓައިފި ނަމަ ޝަރީއަތަށް ދާނެކަމުގެ އިންޒާރު ވެސް ދެއްވުމަށް ފަހުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ކޮންގްރެސްގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި މައްސަލައިގައި ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މައްސަލައާ ގުޅިގެން ވަކި ގޮތެއް ޝަރީއަތުން ނިންމަންދެން ގަސް ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށެވެ.

ނަޝީދުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާއިރު ފާޑުކިޔުންތައް ބޮޑުވުމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލުން ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާލާފައެވެ. ސަރުކާރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއަށް ނަގަން ޖެހޭ ގަސްތައް ނަގާ މަގުތައް ސާފުކުރުމުގެ މަސައްކަތްތައް ކޮށްދީފައިވަނީ ސިޓީ ކައުންސިލުންނެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ބުނީ އަމީނީ މަގުގައި ހުރި ގަސްތައް މިހާރު ނަގަމުން ދަނީ އެ މަސައްކަތް ކުރާއިރު ގަސްތަކާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާތީ ކަމަށެވެ. އަދި މަގު ހަދާ ނިމުމުން ގަސް އިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަމީނީ މަގުގައި ހުރި ގަސްތައް ނަގައިގެން ގެންދަން ނިންމާފައިވަނީ ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީކުރާ "ކުޑަގިރި"އަށް ކަމަށާއި އަދި މަގު ހަދާ ނިމުމުން އެމަގު ފެހިކުރުމުގެ މަސައްކަތްކުރާނެ އާރުޑީސީން ބުނެއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ނެގުމުގެ މައްސަލައިގައި ސަރުކާރުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމްޑީޕީގެ ރައީސް ކޯޓަށް ވަޑައިގެންފައިވާއިރު ސަރުކާރުން ވަނީ އެ މައްސަލައިގައި ގަސްތައް ނެގުން ދިފާއުކޮށްފައެވެ.

ސަރުކާރުން ބުނީ، ގަސްތައް ނަގައިގެން އަމީނީ މަގު ތަރައްގީ ކުރަނީ އެތަނުގައި ތާރު އެޅޭނެ އިތުރު ގޮތެއް ނެތުމުން ކަމަށާއި އެމަގުގައި އިންދާފައި ހުރީ މަގުތަކުގައި އިންދާ ޒާތުގެ ގަސްތަކެއް ނޫން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ މި ކަހަލަ މަގު ތަކުގައި އިންދާފައި ހުރި ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަހެއް. ދެން މާލޭގައި ވެސް ފެން ފަށަލަ މިއީ ފެދޭ ވަރަކަށް ތިލަކޮށް އޮންނާތީވެސް މި ގަހުގެ މޫތައް ހަމަ ފެތުރިގެން އެބަ ދޭ. ފެތުރިގެން ދިޔައިމަ އެބަ މަގުތަކުގައި ވަޅުލާ ކޭބަލްތަކާއި މި އެއްޗިއްސަށް ވެސް ގެއްލުންވުމާ އަދި ހޮޅިތައް ވަޅުލުމުގައި ވެސް ދަތިތަކެއް އެބަ ދިމާވޭ" ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވިއެވެ.

ގަސް ތައް ނެގި ނަމަވެސް ގަސްތައް އުކާނުލާ ކަމަށާއި އަދި އެހެން ތަންތަނުގައި އެ ގަސްތައް އިންދާއިރު މަގު ހަދާ ނިމުމުން އަލުން މަގު ފެހިކުރަން ވެސް މަސައްކަތް ކުރާނެ ކަން މިއުވާން ފާހަގަކުރެއްވިއެވެ.