އަންނަ ބުދަ ދުވަހު އިދިކޮޅު ލީޑަރު އަދި ކުރީ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުތުރުން ހއ. ގެ ފަސް ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ މިމަހުގެ 12 އިން 15 އާއި ހިސާބަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ:

  • ހއ. ކެލާ
  • ހއ. ބާރަށް
  • ހއ. ދިއްދޫ
  • ހއ. އިހަވަންދޫ
  • ހއ. ތުރާކުނު

ހީނާ ވިދާޅުވި ގޮތުގައި މިދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމެވެ. އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަކީ ވެސް ދަތުރުގެ މަގްސަދެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މި ދަތުރުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. އަތޮޅަކީ ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެކެވެ.

މިގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓް، ކެލާގައި 16 ޕްރޮޖެކްޓް، ދިއްދޫގައި 27 ޕްރޮޖެކްޓް، ބާރަށުގައި 17 ޕްރޮޖެކްޓް، ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވެއެވެ.

މީގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ އަދި މިސަރުކާރު ވެރިކަމަށް އަިއއިރު ހިނގަމުންދާ ޕްރޮޖެކްޓްތަކެކެވެ.