މާލެ އިން ހައްޔަރު ކުރާ މީހުން ބަންދުގައި ބައިތިއްބާ ފުލުހުންގެ ކަސްޓޯޑިއަމްގައި ބޭނުން ކުރާ ނެޓްވޯކިން ސިސްޓަމް ޑައުން ވުމުން ބަންދުގައި ތިބި މީހުންނަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުން ވެސް ފުލުހުން މިއަދު ހުއްޓާލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުވެހީގައި ހުންނަ ފުލުހުންގެ ސިސްޓަމް ޑައުން ވެއްޖެކަމަށް ބުނެ ފުލުހުން މިއަދު އެތަނުން އެއްވެސް ހިދުމަތެއް ނުދެއެވެ. ބަންދުގައި ތިބޭ މީހުންނާއި އެއްޗެހި ހަވާލު ކުރަން ދިއުމުން ވެސް ފުލުހުން މިއަދު ވަނީ ސިސްޓަމް ޑައުން ވެފައިވާ ކަމަށް ބުނެ އެތަކެއްޗާއި ހަވާލުވާން ދެކޮޅު ހަދަމުންނެވެ.

އިއްޔެ އިން ފެށިގެން ހައްޔަރު ކޮށްފައި ތިބި މީހުންގެ ގާނޫނީ ވަކީލުންނަށް ވެސް ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަން ވުމުގެ ފުރުސަތު ފުލުހުން މިއަދު ނުދެއެވެ.

ދިފާއީ ވަކީލެއް ކަމަށްވާ ނޫރުއްސަލާމް އަބޫބަކުރު މިއަދު "ވަގުތު" އަށް ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް ގާނޫނީ ވަކީލުންގެ ހައްގު ބަންދުގައި ތިބޭ މީހުންނަށް ދޭން ޖެހޭނެ ކަމަށާއި އެހައްގު ފުލުހުންނަށް ނުހިފެއްޓޭނެ ކަމަށެވެ.

"ފުލުހުންގެ ސިސްޓަމް ޑައުން ވެއްޖެކަމަށް ވާނަމަ ފުލުހުން ޖެހޭނެ މެނުއަލްކޮށް އިންތިޒާމްތައް ހަމަޖައްސައިގެން ނަމަވެސް ގާނޫނީ ވަކީލުންގެ ހައްގު ބަންދުގައި ތިބި މީހުންނަށް ދޭން." ނޫރުއްސަލާމް ވިދާޅުވިއެވެ.

ގާނޫނު އަސާސީ ބުނާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނައިރު ވެސް ގާނޫނީ ވަކީލެއްގެ ހައްގުން މީހުން މަހުރޫމެއް ނުކުރެވެނެއެވެ.

ކަސްޓޯޑިއަލްގެ ސިސްޓަމް ޑައުންވުމުން ވަކީލުންގެ ހައްގު ނުލިބޭ މައްސަލައިގައި ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޯޔަރު ލޯ

    ކަމެއް ނެތް ކަމަށް ވަނީ. މަވެސް ލޯޔަރެެއް. މިއައީ ބޭނުންވާކަންތައް ނިންމައިފައި. ނޫރުއްސަލާމްމެން ލޯޔަރަން ވެގެން ކްލައިންޓް އަށް ލަނޑުދެމުން އުޅެނީ އެހެންވެ ބަހަނާ ދައްކަނީ

    3
    3
  2. ދޮންބެރިޖާ

    ޓެކްނިކަލް މައްސަލަތަކަކީ މުޅި ދުނިޔޭގައިވެސް ދިމާވާ މައްސަލަތައް. އެފަދަ މައްސަލަތައް ހުރިހާ ތަނަކުންވެސް ބަލައިގަނެ އެކަމަށް އިޙްތިރާމް ކުރޭ. އަސާސީ އެނޫން އެތައް ހައްގެއްވެސް ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މެދުކެނޑިގެންދާ އެތައް ފަހަރެއް އާދޭ. ކަރަންޓުވެސް ކެނޑޭ. ފެންވެސް ކެނޑޭ. އިންޓަނެޓްވެސް ކެނޑޭ. އަސާސީ އެތައް ޚިދުމަތަކަށް ބުރޫއަރާ ހާލަތު އާދޭ. މީ އާކަމެއްނޫން. މުއްތަހަމު އޭނާގެ ވަކީލާ ބައްދަލުކުރަން އެދޭ ކޮންމެ ހިނދަކު ބިޒީއޭކިޔާފަ ވަކީލަށްވެސް ބައްދަލުކުރަން ނުދެވޭ ކިތަންމެ ފަހަރެއް ދިމާވޭ. ހަޖަމް ޕްލީޒް ހަޖަމް

    1
    7
  3. ޙުސެން

    ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބިޒީކަމުން ފަހަރެއްގައި ވަކީލައް ނުދެވިދާނެ ނަމަވެސް ވަކީލު ދިއުމުން ކުއްވެރިޔާއާއި ވަކީލައް ބައްދަލުކުރެވެންޖެހޭނެ އެހެންނޫނީ މުއްތަހަމްގެ އެތައްހައްގެއް ގެއްލޭނެ

  4. އިންޑިޔާފަސްބައި

    ބޭނުންބަޔަކު ބޭނުންހާދުވަހަކު ބަންދުގައި ބައިތިއްބައިގެން އުޅޭނެ ގޮތެއްވެސް އޮންނަންވާނެ ނޫންތޯ!