ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ހައްޔަރު ކުރި 20 އަހަރުގެ ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ވިދާޅުވީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރު ކުރީ ހެންވޭރު ތުއްރަވާސް ގޯޅިން ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އޭނާގެ ނަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާ ބަންދުގައި ބަހައްޓަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅުނު ކަމަށް ފުލުހުން ބުނާ ބަޔާނަކާއި އިންޓެލިޖެންސް ރިޕޯޓް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދު ދެގަޑިއެއްހާއިރު ވަންދެން ބަންދުކޮށް، އޭނާގެ އެޕާޓްމަންޓް ފާސް ކުރުމަށް ފަހުއެވެ.

މިއީ ފަހަކަށް އައިސް މާލޭގައި ހިންގި މަސްތުވާތަކެތީގެ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގާދިރު

    ފުލުހުން އިންނާނެ ތި މޯހާ އަށްވެސް ސަލާމަތް ވެވޭނެ ކަމެއް ނުހިމަނާ ބައިންދާފަ