ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރު ދުވަހަށް ގޭބަންދުކޮށް، 958 ގަޑިއިރު މުޖުތުމައަށް ހިދުމަތެއް ކުރުމަށް ހުކުމްކޮށް، ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމައިފިއެވެ.

މި މައްސަލައިގައި ދައުލަތުން، ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ވ. ރަކީދޫ، ވިލާޑީލައިޓް، އިބްރާހިމް ނާއިލްގެ މައްޗަށެވެ.

މިކަން ހިނގާފައިވަނީ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މިގޮތުން، އެ ރޭ 8:15 ހާއިރު، ހުޅުމާލޭ ވަން އެވެނިއު ޕާކިން ޒޯނުގައި ޕާކުކޮށްފައިހުރި ސައިކަލެއް އޭނާ ވަގަށް ނަގާފައިވާ ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ބުނެފައިވެއެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެސް ވެފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

މި މައްސަލައިގާ ބޭއްވުނު އަވަސް ނިޔާގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ އޭނާ އެއް އަހަރު ދުވަހަށް ގޭބަންދު ކުރުމަށާއި، 958 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށް އަންގާ ހުކުމްކޮށްފައެވެ.

މިފަހަކަށް އައިސް ސައިކަލާއި، ސައިކަލުގައި ހުންނަ ބައެއް ބައިތައް ވަގަށް ނަގާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީފް

    ގާޒީގެ ސައިކަލް ވަގައްނެގިނަމަވެސް ކުރާނީ ހަމަ ތިހުކުމްތޯ ؟ތިހުކުމުން ސައިކަލްގެ ވެރިފަރާތަށް ލިބުނީކޯޗެއްތޯ ؟ އަންދާގާނޫން

  2. Anonymous

    ލޮލް..ލިވާތުކުރީމާ 3 މަސް ގޭ ބަންދަން