ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން އެމަނިކުފާނަށް ހުޝާމަދުކޮށް (ނެތް ވަރަށް ތައުރީފްކޮށް) އެމަނިކުފާނު ހަލާކުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް އެގޮތަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މްމެބަރު މުހައްމަދު އަބްދުالله ޝަފީގު ހުށަހެޅުއްވި ބިލަށް ކުރި ބަހުސްގެ ތެރެއިންނެވެ. ޝަފީގު ހުށަހެޅުއްވި ބިލުގައި ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމް ނުވާ ގޮތަށް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ.

އެ ބިލަށް ފާޑުވިދާޅުވެ ސަލީމް ވިދާޅުވީ ލާމަރުކަޒީ ކައުންސިލްގެ އިންތިހާބުގެ ކަންކަން ބަދަލުކުރަން ބިލެއް ހުށަނާޅާއި ރައީސްގެ ގަރާރަކުން އެފަދަ ކުދިކުދި ކަންތައްތައް ނިންމާލެވޭނެ ކަމަށެވެ. ހަމަ އެހެންމެ އެއަށް ވުރެ ބޮޑެތި ކަންކަންކަން ވެސް ގަރާރަކުން އޮތީ ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް ސޯލިހުއަކީ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ވަރަށް ގިނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ކުރިން އެމަނިކުފާނަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ސަލީމް ސިފަކުރެއްވި އެވެ.

އެހެން ނަމަވެސް މިހާރު އެމަނިކުފާނު މުޅިން ބަދަލުވެފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިއަދު ހުޝާމަދުކޮށްގެން އެމަނިކުފާނުވެސް މުޅިން ހަލާކުކޮށްލައިފި،" ސަލީމު ވިދާޅުވިއެވެ.

ހުޝާމަދު ކުރުމުގެ ނުބައިކަން ސަލީމް ފާހަގަ ކުރެއްވީ ކީރިތި ރަސޫލާގެ އެންެމެ އަރިސް އެއް ބޭފުޅާ އަދި ފުރަތަމަ ހަލީފާއިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އުސްމާން ގެފާނު ޒަމާނުގައި ހިނގައިދިޔަ ހާދިސާއަކުން ނެވެ.

"އެއް ދުވަހަކު އުސްމާނުގެފާނުގެ އަރިހުގައި މީހަކު މާބޮޑަށް ހުޝާމަދު ކުރަމުން ދަނިކޮށް މިގްދާދުގެފާނު ހެއްދެވި ގޮތަކީ އެ މީހާގެ މޫނަށް ބިމުން ފަސް ނަގާފަ ފަސް ޖެހީ. ފަސް ޖެހީމާ އުސްމާނުގެފާނު ވިދާޅުވިއޭ ކީއްހޭ ތި ކުރެއްވީ. މިގްދާދުގެފާނު ވިދާޅުވިއޭ ރަސޫލާ ހަދީސް ކުރެއްވިއޭ ހުޝާމަދު ކުރާ މީހާގެ މޫނަށް ބިމުން ފަސް ނަގާފަ ފަސް ޖަހާށޭ. އެހެންވީމާ މިހާ ނުރައްކާތެރި ކަންކަން މި ހުންނަނީ. އެހެންވީމާ އަޅުގަނޑުމެން މިކަހަލަ ކަންކަމާ އެބަ ޖެހޭ ވިސްނާލަން. ކޮންމެ މީހަކުވެސް ހީވަނީ މަގާމެއް ލިބުނީމަ ތިމަންނަ ދެން ހުންނަންވީ އެއަށް ވުރެ މަތީގައޭ." ސަލީމް ވިދާޅުވި އެވެ.