އިދިކޮޅު ލީޑަރު އަދި ކުރީ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުތުރުން ހއ. ގެ ފަސް ރަށަކަށް މިއަދު ކުރައްވަން ނިންމެވި ދަތުރުފުޅު، ފަސްކުރައްވައިފިއެވެ.

ޕީޕީއެމުން މިއަދު ބުނީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި، އެ ދަތުރުފުޅު ދެން އޮންނާނީ ހޮނިހިރު ދުވަހު ކަމަށް ޕީޕީއެމް އިން ބުނެފައި ވެއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވީ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ:

  • ހއ. ކެލާ
  • ހއ. ބާރަށް
  • ހއ. ދިއްދޫ
  • ހއ. އިހަވަންދޫ
  • ހއ. ތުރާކުނު

ހީނާ ވިދާޅުވި ގޮތުގައި މިދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމެވެ. އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަކީ ވެސް ދަތުރުގެ މަގްސަދެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މި ދަތުރުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޔާމީންގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާއިރު ކުރިއަށް ތިން ދުވަހަަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި ވިއްސާރަ އަލިވާން ފަށާނީ އަންނަ ހަފްތާގެ ހޯމައިން ފެށިގެން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުގެ މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި ހޮނިހިރު ދުވަހާއި ހަމައަށް ވިއްސާރަވާނެ ކަމަށެވެ. ބޮޑަށް ވިއްސާރައީ މެދު ރާއްޖެ ތެރެއާއި ދެކުނު އަތޮޅުތަކަށް ކަމަށާއި އުތުރުގެ އަތޮޅުތަކަށް މިރެއިން ފެށިގެން ވިއްސާރަ ކުރަން ފަށާނެ ކަމަށް ލަފާކުރެއެވެ.

"މިރެއިން ފެށިގެން މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ. ބޯކޮށް ވާރޭ ވެހޭނެ އަދި ވައި ވެސް ގަދަވާނެ." އޮފިޝަލު ވިދާޅުވިއެވެ.

ވިއްސާރަވެފައި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ފާހަގަކުރައްވަމުން އޮފިޝަލު ވިދާޅުވީ ހުރިހާ އަތޮޅުތަކަށް ވެސް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގައި ވިއްސާރަ މަޑުވާން ފަށާނެ ކަމަށެވެ. ނަމަވެސް ބައެއް ސަރަހައްދުތައް ކުޑަކޮށް ވިއްސާރަވާނެ ކަމަށެވެ. މޫސުން އެއްކޮށް ރަނގަޅުވާން ފަށާނީ ހޯމަ ދުވަހުން ފެށިގެން ކަމަށް ވިދާޅުވިއެވެ.

ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުރިއާލައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.