ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރިފައިވަނީ ހެނދުނު 11:30 އިން ހަވީރު 5:30 އަށެވެ.

ސަމާލުގައި ބުނެފައި ވަނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުރު ކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރެއްވުމަށްފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދުދޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިއްޔެ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހަފްތާގެ ހޯމައިން ފެށިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު