ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި ބާރުވުމުގެ ސަބަބުން ބްރިޖާއި ލިންކް ރޯޑުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރަކީ މޫސުން ގޯސްވެ ގަދަވައި ޖެހެމުންދާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ސިނަމާލެ ބްރިޖާއި ލިންކު ރޯޑް ބޭނުންކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ބުރުގާ އަޅާ ފާރާތްތަކުން ވަޔާއި އެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއި ވިއްސާރަ ކޯޓު ބޭނުންކުރާ ފަރާތްތަކުން ވަޔާއެކު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނުމަތީގައި ނޭލޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުމަށް ބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.

އަދި ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ހެފެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނެފައި ވަނީ އެއްގަމު އުނޅަދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު