ފަސް ގްރާމް މެޓަމްފެޓަމިން ރެސިމޭޓް ގެންގުޅުނު މީހަކު 25 އަހަރަށް ޖަލަށްލާ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަސްތުވާތަކެއްޗާއިއެކު އޭނާ އަތުލައިގަތީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ. އެ ދުވަހުގެ މެންދަމު 12 ޖަހާކަންހާއިރު ފުލުހުން ތިބީ ހަމަ އާދައިގެ މަތިން ޓްރެފިކް ޗެކް ޕޮއިންޓެއް ޖަހައިގެން ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަމާއި މީހުންގެ ލައިންސަންސް އޮތްތޯ ޗެކް ކުރާށެވެ.

އެހެން ތިއްބާ، ފާށަނާކިލޭގެފާނު މަގުގައި ހުންނަ ފަސޭހަ ޕޮއިންޓް ދޭއް ކައިރިން މީހަކު ފުލުހުން ފެނިގެން ސައިކަލު ޕާކު ކުރަން އުޅުމުން ފުލުހުން ވަނީ އެމީހާ ހުއްޓުވާ ބަލައިފާސްކޮށްފައެވެ. އެމީހާ ބަލައި ފާސްކޮށްފައިވަނީ އަމަލުތައް ހުރި ގޮތުން އެފަދަ ކަމަކަށް ޝައްކު ކުރެވިގެންނެވެ.

ބަލައިފާސްކުރަން ފެށުމުން އެމީހާ ވަނީ ކަނާއަތު މުށުތެރެއިން ހުރި ދިމާ ބިންމައްޗަށް ރަބަރު ޕެކެޓެއް އެއްލާލާފައެވެ. ފުލުހުން އޭގައި ހުރި އެއްޗެއް ބަލައި ތަހުލީލު ކުރުމުން ވަނީ 5.0862 ގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް ފެނިފައެވެ.

އެ މައްސަލައިގާ ދައުލަތުން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ދައުވާ އުފުލުމުން ދިފާއުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި، އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް މަސްތުވާތަކެތި ކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ. އެކަމަކު، ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާގެ މައްޗަށް ރިއާޔަތްކޮށް އިއްޔެ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅި ނަމަވެސް، ދައުވާ އިންކާރު ކުރުމުން ހެކި ހުށަހެޅުމަށް ލިބުނު ފުރުސަތުގައި ދިފާއުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެހެންވެ، އެމީހާ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިހަފްތާގައި ކްރިމިނަލް ކޯޓުން ވަނީ ޓްރެފިކް ފުލުހުން ހުއްޓުވި ސައިކަލެއްގެ މަޑުދަށުން ބަނގުރާ ފެނުނު މައްސަލައެއްގައި ވެސް މީހެއްގެ މައްޗަށް ހުކުމް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހައިރާން

    އެންމެ ގްރާމެއްގެ ބައިކުޅަބައެއް އޮތަސް އުމުރަށް ޖަލުގައި ބައިތިއްބަންވީ. މަނާކަމެއްކަން އެނގޭއިރު ހަލާލު ނޫން އެއްޗެއްކަން އެނގޭއިރު އަތުގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް ނެތް. މިހާރު ދޭ އަބަދުތައްވެސް އިތުރަށް ހަރުކަށިކޮށް ބޮޑެތި އަދަބު ދޭންވީ.

    • ސަލް

      ދެން ބަނގުރާ ބޮއެގެން ބަނގުއާވިއަރުވަމުން ޕާލަމަންޓައް އަންނަ އިއްޒަތްތެރިންނޯ.. އެއީ އަދަބެއް ނޯންނަ ކަމެއްތަ.؟

  2. ހަހަހާ

    ތީ މިއެންމެން ބުނާ ވާހަކައަކީ. މަދު ގްރާމް ވީމަ ގާޒީ ރުޅިއަންނާނެ. ކިލޯ ކިލޯ ވިއްޔާ ކޮންމެވެސް ސަބަބެއް އޮވެގެން މައްސަލަ ބާތިލް ވާނެ. ގްރާމް އިން ބައި އެޅިޔަސް ލިބޭނީ ކޯއްޗެއް. ގާޒީ ރުޅި މަޑު.

    9
    1
  3. ސޯލޭ

    އަޅެފަހެ ބޮޑެތި ކޮންޓަެނާގަ ހަކުރު އުފުލާމީހުނައް ތިޔަ ހުކުން ނާންނަނީ އަޖައިބުން ފުރިގެންވާ ކަމެއްވީމަތަ