ގަލޮޅު ދަނޑު ތަޅާލައި އަދި އަލުން އެތަން ހެދުމުގެ މަސައްކަތް މި އަހަރު ނޫނީ އަންނަ އަހަރުކުރީ ކޮޅު ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެެއްވަމުން ނެވެ.

ޝަހީމް ވިދާޅުވީ ގަލޮޅު ފުޓްބޯޅަ ދަނޑަކީ ދިވެހި ފުޓްބޯޅައާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދަނޑެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑެއްގެ ގޮތުގައި ގަލޮޅު ފުޓްބޯޅަ ދަނޑު ތަރައްގީ ކުުރުމުގެ ވިސްނުން އެބަހުރިތޯއެވެ. ނޫން ނަމަ ގައުމީ ފުޓްބޯޅަ ދަނޑެއްް ތަރައްގީ ކުރުމުގެ ސިޔާސަތު ހާމަކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އާ ދަނޑެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެކަން ކުރާނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ޕްރޮޖެކްޓްގެ ތެރެއިން ކަމަށެވެ، އަދި އެކަން ކުރަން ފަށަން މިހާރު ކުރަމުން ދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އަޅުގަނޑު ހަނދާންވާ ގޮތުން 25 މިލިއަން ޑޮލަރު އެ ޕްރޮޖެކްޓަށް އަރާ. އެންމެ ފުރަތަމަ ކަމަކަށް މި އޮތީ ހުޅުމާލޭގައި މި އޮތް ޓްރެކް ދަނޑުގައި ކުޅެވޭނެ ގޮތަށް ސެޓަޕްް ހެދުން. އެކަންކޮށް ނިންމާފައި އަޅުގަނޑުމެން ގަލޮޅު ދަނޑު ތަޅާލާނީ. އެއާއެކީގައި ގަލޮޅު ދަނޑު ހަމަ ވަރަށް ފެންވަރު ރަނގަޅު ދަނޑެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑުގެ ސިޑި ބަރިތައް ހަދާފައި ހުރީ އުވަޔާއި އަކިރިން ކަމަށާއި އެތަން ބޭނުން ނުކުރެވޭ ހާލަތަށް މިހާރު ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެތަން ތަޅާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން ވެސް ސާފް ޗެމްޕިއަންޝިޕް ބޭއްވުނު އިރުވެސް އެތަން ބޭނުންކުރީ އިންޖިނިއަރުންގެ ލަފާގެ މަތިން ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓްގެ ތެރޭގައި ނެޝެނަލް ބާސްކެޓްބޯލް އެރީނާއާއި ނެޝެނަލް ވޮލީ ބޯލް ސެންޓަރާއި ނެޝެނަލް ޓޭބަލް ޓެނިސް ސެންޓަރާއި އަދި އޭގެ އިތުރަށް ކުޅުދުއްފުށި އަދި ހިތަދޫ ތިނަދޫ އަދި ފުވައްމުލަކުގެ ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް ވެސް ހިމެނިފައި ވަނީ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދާ ސްޕީޑުން މި އަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯލޭ

    ކަލޯ ބުއްދިވެރިވާނީ އަނގަމަޑުން ލައިގެން ހުރިއްޔާ ކަލޭމެނައް އެޅޭނެ ދަނޑެއް ބުރިޖެއް ނޯންނާނެ އެކަމަކު ފޮޓޯ ކުރަހާފަ ރައްޔިތުން ގުނބޯ ހައްދަން ކުޅަދާނަ ބައެއްތީ ދައުލަތުގެ ހަޒާނާ ދިރުވަން ޗަކޮއެމެން އެންމެ ކުޅަދާނައީ

  2. ރާއްޖެ

    ކޮބާތޯ އިންޑިއާއިން އަޅާ ކުޅިކެޓް ސްޓޭޑިއަމް؟

  3. މަރީ

    ލޮލް ކްރިކެޓް ސްޓޭޑިޔަމް ހުރީ ވަށައިގެން ޓިނު ޖަހާފަ އެހެންވެ ރައްޔިތަކައް އެތަން ނުފެނިގެން އުޅެނީ

  4. ފުޓުބޯޅަ

    ގަތަރުން ކުރިން ރާއްޖޭގައި ފުޓުބޯޅަ ސްޓޭޑީއަމް އެއް އަޅަން އެއްބަސްވި، ޔާމީނު އެގައުމުތަކާ ގުޅުން ކެޑުމުން އެކަން ވީގޮތެއް ނޭންގޭ. މިހާރު ގަތަރާއި ގުޅުން އިތުރުވެފައި ވާވަގުތެއްގައި އެކަމުގެ ވާހަކަވެސް ދައްކާލުން މުހިންމުކަމއެއް ކަމުގައި ދެކެން