ދިރުވާލައިގެން ރާއްްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެން މީހަކު 12 އަހަރާއި ދެ މަސް ދުވަހަށް ޖަލަށްލާ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު، ދޯހާ މަގުން ރާއްޖެ އައި ބޭރު މީހެއްގެ އަތުން ފެނުނު މަސްތުވާތަކެއްޗެވެ. ދައުލަތުން މި މައްސަލައިގާ ދައުވާކޮށްފައިވަނީ ސައުތްއެފްރިކާގެ ރައްޔިތެއް ކަމަށްވާ ޒަމެކިލެ ލެސިއާ އޮންޔެޗެގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާ އެއްޗެއް އެތެރެ ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.

މީނާ ރާއްޖެ އެތެރެވެ، އެއާޕޯޓުން މީނާގެ ހަރަކާތްތައް ހުރި ގޮތުން ޝައްކުވެގެން ސުވާލުކުރުމުން މީނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރި ކަމަށް ވަނީ އިއުތިރާފުވެފައެވެ. އަދި، ބޮޑުކަމުދާން ބޭނުންވާ ކަމަށް ބުނުމުން ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައާއި ފުލުހުންގެ ހާޒިރުގައި ބޮޑު ކަމުދިޔައިރު، އެތަކެތިން ގިނަ އަދެއްގެ ކޮކެއިން ވަނީ ފެނިފައެވެ.

ޖުމުލަ ނުވަ ފަހަރު ބޮޑު ކަމުގޮސް، ޖުމުލަ 83 ބުލެޓް، (896.087 ގުރާމް)ގެ ކޮކެއިން ވަނީ ފެނިފައެވެ.

މި މައްސަލައިގާ ބޭރު މީހާ ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ސަބަބުން އޭނާގެ އަދަބު ވަނީ ވަރަށް ބޮޑުތަނުން ލުއިވެފައެވެ.

އިއުތިރާފުގެ އެއްބަސްވުމެއް ނެތް ނަމަ، އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާއި ދެމެދުގެ އަގަކުން ޖޫރިމަނާ ކުރާނެއެވެ. އެކަމަކު، އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމަކަށް ގޮސްފައިވާތީ އޭނާއަށް ވަނީ ބޮޑެތި ލުއިތަކެއް ހަމަޖައްސާފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލާ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު