އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވުމަށް ގާނޫނީ ވަކީލަކު މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އެގޮތަށް ވިދާޅުވީ ޒަޔާންގެ މަރުގެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތް ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވީ ތަހުގީގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ މައްސަލަ ބަލަމުންދިޔަ އޮފިސަރުންގެ އިންޓަގްރިޓާއި މެދުގައި ރައްޔިތުންގެ މެދުގައި އުފެދުނު ޝުއޫރު ކަމަށެވެ.

އެ ގޮންޖެހުމުން އަރައިގަތުމަށްޓަކައި ފުލުހުންގެ ތެރޭގައޮ އޮންނަ އުސޫލުގެ ތެރެއިން އެ މައްސަލައިގެ ތަހުގީގްގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ އިތުބާރު އޮތްތޯ ޔަގީން ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ވަގުތަށް ޔަގީންކުރިން ތަހުގީގަށް އަމަލީގޮތުން މަސައްކަތްކުރި ފުލުހުންގެ އިތުބާރު އޮތް ކަމަށް. މިހާތަނަށް މަސައްކަތްކޮށްފައިވާ އެއްވެސް އޮފިސަރެއްގެ އިންޓަގްރިޓީ އާއިމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއް ފާހަގަވެފައެއްނުވޭ. އަދި އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައެއް ވެސް ނުވޭ" ޝަމީމް ވިދާޅުވި އެވެ.

ޝަމީން ވިދާޅުވީ ޒަޔާންގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރޭގައި އެ ހަމަލާ ރޭވުމާއި ހަމަލާ ދިނުމުގައިވާ މީހުން ހިމެނޭ ކަމަށާއި ވި ވަގުތު ލިބިފައިވާ ހެކިތަކުން ވާސިލް ނުވެވޭ އެކަކު އަދިވަސް ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ތަހުގީގުވެސް ފުލުހުން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ނުފޫޒް ފޯރުވުމުގެ މަސައްކަތް ގާނޫނީ ވަކީލަކު ކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކަށް ނުސީދާ ގޮތުން ނުފޫޒް ފޯރުވަން މަސައްކަތް ކޮށްފައި ވަނީ. މަގާމުގެ ހައިސައްޔަތުން ނުވަތަ މަސައްކަތުގެ ނާޖާއިޒް ފައިދާ ބޭނުންކޮށްގެން. އެއީ ގާނޫނީ ވަކީލެއް. އެ ފަރާތުންގެ މައްސަލަ ތަހުގީގް ކުރުމަށް ފަހު ބާ ކައުންސިލަށް ވަނީ ހުށަހަޅާފައި." ސާމިހް ވިދާޅުވި އެވެ.

ޖޫން މަހުގެ ދެވަނަ ދުވަހުގެ ދެ ގްރޫޕް ދެމެދުގައި ހިންގި މަރާމާރީއެއްގައި ހަމަލާ ދިނުމުން ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އެވެ. މާރާމާރީގައި ޒަޔާންގެ ހަށިގަނޑު އެތައް ތަނަކަށް ވަނީ ތޫނު އެއްޗެހި ހަރައި ޒަހަމްކޮށްލާފައެވެ.