އޮންލައިން ގޭމިންގގެ ތެރެއިން ކުދިން ކުށްތަކަށް ރެކްރޫޓް ކުރާކަން މައްސަލަތަކުގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮތަށް ވިދާޅުވީ، އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21ގެ މަރުގެ މައްސަލައިގައި މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތު ޕޮލިސް ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މި ހަމަލާގައި ބައިވެރިވެ ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން ރެކްރޫޓް ކޮށްފައި ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިކަންތައް ކޮށްފައި ވަނީ އޮންލައިން ގޭމިންގގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުތު ޕޮލިސް ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް - ފޮޓޯ: ޕޮލިސް

"ގޭމްގެ ތެރެއިން ކުދިންނާއި، މުއާމަލާތް ކުރެވިގެން އެ ކުދިންނަށް އެކަމަށް ހިތްވަރު ދެވިގެން، އެ ކުދިންނާއި ބައްދަލު ކުރެވިގެން އެ ކުދިންނަށް ވަކި ކަހަލަ މާހައުލުތަކެއް އުފައްދާ ދީގެން އެ ތަންތަނުގައި ގޭމް ކުޅޭނެ ފުރުސަތު ދީގެން މިކަންތައްތައް ކުރެވިގެން ގޮސްފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ". ޝަމީމް ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަމަށް ރައްޔިތުން ސަމާލުވުމަށް ޝަމީމް ވަނީ އެދިފައެވެ.

މި ހަމަލާގައި ޖުމްލަ ހަތަރު ކުޑަ ކުއްޖަކު ވަނީ ބައިވެރިވެފައެވެ.

ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާން އަށް ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ތިބި ފަރާތްތަކުގެ މައިގަނޑު ރޭވުމަކީ މުޖުތަމައުގައި އުޅޭ ކުޑަކުދިން ނޫނީ ހަގު އުމުރު ފުރައިގެ ކުދިންނަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީގެން، އެ ކުދިން "އެކްސްޕްލޮއިޓް" ކޮށްގެން ކުށުގެ ވެއްޓަށް އަހުލުވުވެރި ކުރުވުން ކަމަށެވެ.

މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ގިނަ އަދަދަކަށް ކުޑަކުދިންގެ ބައިވެރިވުން ވާކަން ފާހަގަވެފައި ވެއެވެ. އެހެންކަމުން މިފަދަ ކަންކަން ހުއްޓުވުމަށް ބެލެނެވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަތަރެސްކަންހާބި

    ކޮބާ އަދިވެސް ނުރައްކަލީ ހައްދުފަހަނަޅައި ދީނީ މީހުންތަ؟ ތީ އެމެރިކާއިން ކަލޭމެން ދަސްކޮށްގެންއުޅޭ ގޭމެއް.