އައްޔަން ކުރި ކޯޓު ނޫން ކޯޓަކަށް ވަޒީފާއަށް ނިކުތް މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުގެ އިއުތިރާފުން ސާބިތުވެފައިވާ ކަމަށެވެ.

މިކަމުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ޢަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާއި ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމުގައި ޖޭއެސްސީ އިން ވިދާޅުވިއެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ)، (ޅ) އަދި (އ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1، 3.1 އަދި 6.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ފެންނަކަމަށް އިއްޔެ ބޭއްވި ކޮމިޝަންގެ 73 ޖަލްސާގައި ވަނީ ނިންމަވާފައި ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އަލްއުސްތާޛު އަޙްމަދު ނިޝާރު އޭނާ އައްޔަން ކުރެވިފައިވާ ކޯޓު ފިޔަވައި އެހެން ކޯޓަކަށް ނިކުންނަވާފައި ވަނީ ކިހައި ދުވަހަކު ކަމެއް ޖޭއެސްސީ އިން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިނީ

    ހަމަ އޮޅިގެންބާ؟ ތިވަރުގެ ޤާޒީ އެއް ކޯޓަށް ނުދާނެބާ އޮޅިގެން ކޯޓް ކަމަށް ސޯޓް ލައިގެން

  2. ސަމްކުޅިބޭ

    އިތުރު ފައިސާކޮޅެއް ލިބެންއޮތީ އެގޮތަށްކަމަށްވުމުން އެއްވެސް މައްސަލައެއް އޮންނާކަށްނުޖެހޭ.