އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިމީހާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ފަށައިފިއެވެ.

މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާއަށް ކުރާ ދައުވާތަކަކީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި އަދި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ އައިޖީއެމްއެޗްގައި ކޮންމެ ޕޭޝަންޓަކަށް ތައްޔާރު ކުރާ މެޑިކަލް ޗާޓުތަކެއް އޮންނައިރު، މޭރީ ގްރޭސްގެ އެ ޗާޓު ހޯދުމަށް އެދިފައިވާތީ، އެ ނުލިބެނީސް ހެކިބަސް ނެގުނަށް އިއުތިރާޒުކޮށްފައެވެ.

އެހެންވެ، ޝަރީއަތުން ނިންމެވީ އެ މައުލޫމާތު ދިނުމަށް އަމުރެއް އޮތުމުން އެކަން ސާފުނުކޮށް ހެކިބަސް ނެގުން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ނަރުހުންގެ ހެކިބަސް ނެގުމަށް މާދަމައަށް އަޑުއެހުމެއް އޮތީ ތާވަލުކޮށްފައެވެ.

ހަތަރު އަހަރުގެ ކުޑަ އަންހެން ދަރިޔަކު ވެސް ހުންނަ މިދިޔަ 2021 ވަނަ އަހަރުގެ ގްރޭސް މަރާލީ އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ.

ގްރޭސްގެ މަރު ރިޕޯޓްކޮށް، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް ފިރިމީހާ މާވިންއެވެ. އޭނާ ހޮސްޕިޓަލުގައި ބުނެފައިވަނީ ގްރޭސް ފެނުނީ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ކަމަށެވެ. އެކަމަކު، ތަހުގީގަށް އެއީ ގަސްތުގައި މަރާލާފައި ކަމަށް ފެނިގެން، ދައުވާކޮށްފައިވަނީ ފިރިމީހާ މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާ އަށެވެ.

އެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެއީ ޖުމުލަ 110 ހެއްކެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަފީ

    ޕޭޝަންޓު ރެކޯޑަކީ އެއްދުވަސްތެރޭ ގެނެވިދާނެ އެއްޗެއް. ކަރުދާސް ގަނޑެއް ގެންނަންދެންށޭ ކިޔާފަ އެކަށީގެން ނުވާ ވަގުތު ދީގެން ޝަރީއަތުގެ މަރުހަލާ ލަސް ކުރުމަކީ މިރާއްޖޭގެ އިންސާފުގެ ދާއިރާ ގެއްލެނިވެފަ އޮންނަމިންވަރު އަނގައިދޭހެއްކެއް.