ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނޫނަށް އެއްވަނަ އިސްލާހް ގެނައުމުގެ ބިލް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހަކީ މި ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އާންމު ބޭނުންތަކުގެ ހިދުމަތްތަކުން ބިލުކުރުމާގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމެވެ.

އެ މާއްދާގައި ވާގޮތުން އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު، އޮތޯރިޓީން އެކުލަވާލާނެއެވެ.

އަދި، ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ހާލަތެއް ޕމެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ.

ރައީސް އެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު