ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅައިގެން ފާސްކުރުމަކީ ހަމައެކަނި ނަމަކަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސަރުކާރަށް ފާޑުވިިދާޅުވެއްޖެއެވެ.

ސަރުކާރުން 2023 ވަނަ އަހަރުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައިވާ އަދަދު މިއަހަރަށް ފާސްކުުރި ބަޖެޓާ އަޅާ ބަލާއިރު 5.8 މިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރުން ކޮންމެ އަހަރަކުވެސް ކަންތައް ކުރަނީ މިގޮތަށް ކަމަށާއި، މިއީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ.

ސަރުކާރުން ހަރަދުތައް ކުރަމުން ދަނީ ބޭނުން ގޮތަކަށް ގާނޫނާ ހިލާފަށް ކަމަށާއި، މަޖިލީހަށް ބަޖެޓް ހުށަހަޅާ ފާސްކުރުމަކީ ހަމައެކަނި ނަމަކަށް ކުރާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

https://twitter.com/a_usham/status/1587038692673486848?s=20&t=nUVVpgPeMqjZXrlyfNOKRA

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ 43 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ޕްރައިމަރީ ޑެފިސިޓަށް ބަލާއިރު ފަސް ބިލިއަން ރުފިޔާ ދަރަނި ބަޖެޓެއް ކަމަށެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 4.8 އިންސައްތައެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް 8.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރު ދައުލަތުގެ ސީދާ ދަރަނި ނުވައެއް އިންސައްތަ އިތުރުވެ، ޖުމްލަ ދަރަނި 101 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.