ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވުމުން އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމްއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް ދެ މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައެވެ.

މި ގޮތުން، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ވަނީ ސާބިތުވެފައި ކަމަށް ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އަދި ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީ އިން ބުނެއެވެ.

އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ މައްޗަށް ސާބިތުވި ކަންކަމަކީ، ދިވެހިރާއްޖާގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި، 6.1 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާއި، 4.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލުތަކަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ފަނޑިޔާރުންގެ ޝަރުޠުތަކުގެ ތެރޭގައި ކާސިކުރެވިފައިވާ މީހެއް ކަމުގައިވުން ހިމަނަންވެއްޖެއެއްނު

  2. އަހްމަދު

    ބަލައަހަރުމެން އަޑުއެހީމު ހިޝާންއާއި ނަޝީދުވެސް ކެމްޕޭންދަތުތަކުގަ އުޅުއްވިއިރު އެކަހަލަކަންތައްގަނޑެއް ހިންގިވާހަކައެއް އެކަންވެސް ބައްލަވަންވީނު

  3. މާއްކޫ އޮޑިޓަރެކެ

    މެންބަރު ޔައުގޫބަށް ރައީސް ދިން ހަދިޔާއެއް

  4. ބޯގަޅި

    ލުއައްޔު އެއްނޫން .... ލުޣައްޔު

  5. Anonymous

    މަޖިލިސް އުވާލަން ފުރަތަމަ ވޯޓެއް ނަގަންވީ.