އިިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އާދިއްތަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންނާއި ޕީޕީއެމްގެ ސްޓީރިން ކޮމިޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ވަކި ޕާޓީއަކަށް ބެލުމެއް ނެތި އައްޑޫގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް މި ފަހަރު އޮންނާނެ ކަމަށެވެ.

"އެގޮތުން ރައްޔިތުން ރައީސް ޔާމީންގެ ކުރިއަށް އޮތް ވެރިކަމެއްގައި އައްޑޫ ސިޓީގެ ތަރައްގީއަށް އަދި އައްޑޫއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލައި އަދި އެ ވާހަތަކުގައި އަލީގައި ރައީސް ޔާމީން އައްޑޫއާ ދޭތެރޭ ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރައްވަން އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވޭ" ހީނާ ވިދާޅުވި އެވެ.

ރައީސް ޔާމީންއާއި ބައްދަލުކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކާ ވާހަކަ ދައްކައިގެން އެކަން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާއިރު، ނިމިގެން ދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ނ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވައިފައެވެ.