ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)ގެ ޚިދުމަތްތައް ދިނުމަށް ރ.އަތޮޅުގައި ގާއިމް ކުރި ޔުނިޓް ހުޅުވުމަށްފަހު ރަސްމީކޮށް އެ ޚިދުމަތްތައް ފަށައިފިއެވެ.

ރ.އަތޮޅު ކައުންސިލު އިދާރާގައި ގާއިމްކޮށްފައިވާ އެލްއާރްއޭގެ ޔުނިޓް ރަސްމީކޮށް ހުޅުއްވައިދެއްވާ އެތަނުގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ އެ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާޞިފެވެ.

އެލްއާރްއޭގެ ރ.އަތޮޅު ޔުނިޓް ހުޅުވުމަށް ބޭއްވި ހަފުލާއަށްފަހު އަތޮޅު ކައުންސިލުގެ މުވައްޒަފުންނާއި އެލްއާރްއޭގެ މުވައްޒަފުންގެ މެދުގައި ވަނީ ދެ ފަރާތުން ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޞިފް ވިދާޅުވީ ކުޑަ ހަފުލާއަކާއެކު ކުޑަ ޔުނިޓެއް ގާއިމްކޮށްގެން މަސައްކަތް ފެށިނަމަވެސް މިއަދު ފެށިގެން ދިޔައީ ވަރަށް ބޭނުންތެރި މުހިންމު ބޮޑު މަސައްކަތްތަކެއް ކަމަށާއި ފެށިގެން ދިޔައީ އަތޮޅާއި މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ގޮން ޖެހުންތައް ގިނަ ހައްލުކުރަން އުނދަގޫވެފައިވާ މައްސަލަތަކަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ އެލްއާރްއޭގެ މަސައްކަތްތައް ރ.އަތޮޅުގައި ފެށިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށާއި މި ހުޅުވުނު ދޮރުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާއެކު އިންތިހާއަށް ކަންބޮޑުވުން އޮތް ބިދޭސީންގެ މައްސަލަތަކަށް ހައްލުލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރ.އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ހިދުމަތް ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ- ކައުންސިލް

މި ބައްދަލުވުމުގައި އެލްއާރްއޭގެ ޓީީމުގެ ފަރާތުން ވަނީ އެތަނުގެ މަސައްކަތް ލާމަރުކަޒު ކުރުމަށްޓަކައި ފެށި ދަތުރުގައި އެންމެ ފުރަތަމަ އިޖާބަދިން ފަރާތަކީ ރ.އަތޮޅު ކައުންސިލް ކަމާއި އެލްއާރްއޭގެ ޔުނިޓެއް ގާއިމްކުރަން މަސައްކަތް ފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަތޮޅު ކައުންސިލުން ބެހެއްޓި ގާތްކަމާއި ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުމަށް އަދި ރަސްމީކޮށް މަސައްކަތް ފެށުމަށް އިންތިޒާމް ކޮށްދެއްވި އެންމެހައި ކަންކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ) އަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ.