ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޙަސަންމަނިކަށް ފިޔަވަޅު އަޅަން ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލާގައި ނިންމާފައި ވަނީ، މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ ޤަޟިއްޔާއެއްގައި ދައުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން، ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި، ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލްވެފައި ވަނިކޮށް، ކޯޓުގެ ހުއްދަ ހޯދުމަކާނުލައި ދައުވާ ކުރާ ފަރާތް ރަށުން ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ދީފައިވާ އެޑްރެހަށް ޗިޓް ރައްދުކުރެވިފައި ނުވާތީކަމަށް ބުނެ، ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބެލުމެއްނެތި އަދި ހަވާލާދެވުނު ވަގުތީ އަމުރު ރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައި ވިޔަސް އެކަމަށް ވެސް ރިއާޔަތްކުރުމެއް ނެތި، އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ އަހްމަދު ހަސަންމަނިކް އެ ޤަޟިއްޔާ ނިންމައި ހުކުމް ކޮށްފައިވާ ކަަމަށެވެ.

އަދި އެކަމުގެ ސަބަބުން ޝަރުޢީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އެހެންކަމުން އެނާގެ މި އަމަލީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލަފަށް ކޮށްފައިވާ އަމަލަކަށްވާތީ އޭނާއަށް ނަސޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެެވެ.

ކިޔުންތެރިންގެ ހިޔާލު