ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރޭގައި އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހިގެ އާއި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރޭ ދަންވަރު މާފަންނުގައި ހުރި ގަރާޖެއްގައާއި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތް ހުރި ސަރަހައްދު ސާފުކުރަން ފެށިއިރު އެއިމާރާތް ހުރި ސަރަހައްދާއި ވަށައިގެން އޮތް މަގުތައް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވީ ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން އެމަގުތައް އެއްގަމު އުޅަނދަށް ބަންދުވާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖެއްގައި ރޯވެ، އެ ގަރާޖު މަތީގައި ހުރި ގެއަކަށް އަލިފާންގަނޑު ފެތުރިގެންނެވެ. އެ ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 12:30 ހާއިރުއެވެ. އަލިފާން ނިއްވާލެވުނީ ރޭ ފަތިހު 4:30 ވި ފަހުންނެވެ.

ބިދޭސީން ދިރިއުޅޭ އެ ގޭގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ކަމަށްވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނޭ އިރު، އެ ތަނުގައި ވަރަށް ކުޑަ ކޮޓަރިތަކެއް ހަދާފައިވެއެވެ. އެގޮތުން އެ ތަނުގައި 28 ކޮޓަރި ހުންނަ އިރު، ކޮންމެ ކޮޓަރިއެއްގައި ކެއްކުމަށް ގޭސް ފުޅިއެއް ބަހައްޓާފައި ހުރެއެވެ. މިހާތަނަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މި ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝްގެ މީހެކެވެ.