މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު ދުނިޔޭގެ ނަން މަޝްހޫރު މީޑިއާތަކުން ވެސް ގެނެސްދޭން ފަށައިފިއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ގިނަ ބަޔަކު ނިޔާވި އަލިފާނުގެ ހާދިސާ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ އިންޑިއާ މީހުންނެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު ގެނެސްދީފައިވާ މީޑިއާތަކުގެ ތެރޭގައި ވެސް އިންޑިއާގެ ގިނަ މީޑިއާތައް ހިމެނެއެވެ. އިންޑިއާގެ "ދަ ހިންދޫ" އާއި އިންޑިއާގެ ނަން މަޝްހޫރު އެހެން ހުރިހާ ނޫހެއްގައި ވެސް އަލިފާނުގެ ހާދިސާގެ ޚަބަރުތައް ގެނެސްދީފައި ވެއެވެ.

އޭގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ނޫސްތައް ކަމަށްވާ "ރޮއިޓާސް" އާއި "ވޮޝިންޓަންޕޯސްޓް"، "އޭޕީ" އަދި "ޔަހޫ ނިއުސް" ފަދަ ނޫސްތަކުން ވަނީ އަލިފާނުގެ ހާދިސާގެ ޚަބަރު ގެނެސްދީފައެވެ.

އެމެރިކާގެ "ވޮޝިންޓަން ޕޯސްޓް" ގައި ދިވެހިރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރާކަން ފާހަގަކޮށް ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގިނަ ތަންތަނުގައި އެކަށީގެންވާ އަދަދަށްވުރެ މާގިނައިން މީހުން ގެންގުޅޭ ކަމަށެވެ.

އެނޫހަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާން ޔޫނުސް ސޮބާހް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށާއި، އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހްގީގު ކުރިއަށްދާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ގައުމުތަކާއި، އެމީހުންގެ ޖިންސު ފުލުހުން ވެސް އަދި ރަސްމީ އެހެން އިދާރާއަކުން ވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި މީހުންގެ ތެރޭގައި ތިން އަންހެނަކު ހިމެނެއެވެ. ނިޔާވެފައި ވަނީ އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝް މީހެއް ކަމަށް ވެސް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ސޯލިބޭ ބުނާނެ މަ ހާދަ މަޝްޙުރުވެއްޖޭ

    28
  2. Anonymous

    ކުޅަނދު ހަމަވަނީ މާލޭގައިކަން މިޚަބަރު ކިޔާލީމާ އެނގިއްޖެ. އާދެ މާލޭގައި އަލިފާނުގެ ހާދިސާއެއްް ހިނގައިގެން އެންމެ ގިނަބަޔަކު ނިވާހި ހާދިސާއޭ
    ޙަޤީޤަތަކީ ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއޭ.

    24
    2
  3. Anonymous

    މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ އެއްވެސް ސަބަބެއް ރަސްމީ އިދާރާތަކަށް ނޭނގޭނެ. މީގެ ކުރިންވެސް ދެފަހަރު ތިޔަތަނުގައި ވަނީ އަލިފާނުގެ ހާދިސާ ހިނގާފައި. ދެން ފަސޭހަތާ ތިޔަކަން މެދުވެރިވާން ދިމާވި ސަބަބު ނޭނގެޔޭ ކިޔާ ހަށިފޮޅާލަން. މިއީ ހަމަ ސަރުކާރުގެ އިހުމާލު. ބިދޭސީންތައް އުޅޭ ގޮތް ނުބެލުމާއި އެމީހުން ދިރިއުޅޭ ތަންތަނުގެ ހާލަތާއި ގަރާޖުތަކުގެ ސަލާމަތީ ރައްކާތެރިކަމާއި މިކަންކަން ނުބަލާ އަޅާނުލާ ދޫކޮއްލުން އެއީ މިފަދަ ހާދިސާތައް ތަކުރާރުވާ ސަބަބު. މިފަދަ ހާދިސާތަައް ބަލާ ތަހުޤީޤު ނުކުރެވި ދޫކޮއްލީމާ މާދަމާވެސް ހަމަ މިފަދަ ހާދިސާއެއް ހިނގުމަކީ ނުވާނެ ކަމެކޭ ނުދެންނެވޭނެ.

    21
  4. ރަށުމީހާ

    މިފަދަ ހާދިސާތައް ހިންގަނީ ބަންގާޅު މުނީރުމެން ގަވާއިދާ އެއްގޮތައް ދިވެހިންގެ ބަޔަކު ފަހަތުގަ ތިބެގެން ހަދާފަ ހުންނަ އަލިފާން ފޮށިތަކުގަ

  5. ޢަލީ

    މި ސަރުކާރުން ބުނާނީ އެއީ ވެސް ތަރައްގީކަމަށް.

  6. މޫދުމާ

    ސަމާލުކަމަށް ގެންނަން ބަޔަކު ތިބިއްޔާ ގެންނަންވީ. މި ނޫނިއްޔާ ބިލްޑިންގ ކޯޑެއް އޮވެފައި އެ ބިލްޑިންގ ކޯޑާ އެއްގޮތަށް ގެދޮރު ނަހަދާ ގައުމެއް ނޯންނާނެ. އަދި ބިލްޑިންގ ކޯޑާ ޚިލާފަށް ގެދޮރު ހެދީމާ އެތަނުގައި ގަރާޖާއި ފިހާރައާއި ބޯކޮށާތަނާއި މަސާޖުޕާލާއާއި ވޯކްޝޮޕާއި ހޮޓާ ހިންގަން އެއްވެސް ހުރަހެއް ނެތި ހުއްދަ ލިބޭ ގައުމެއްވެސް ނޯންނާނެ. އަދި މަގުމަތީގެ ގަވާއިދުތައް ހިންގާލެއް ފުރިހަމަ ދާއިމަށް ހުއްދަ ލިބިގެން ގަލޮޅު ކަންމައްޗޭ ކިޔާ ތަނެއްގައި ބަޔަކު ޖަހާނެހައި ސަކަރާތެއް ޖެހުމުގެ ހުއްދަވެސް އޮންނާނެ. މަގުމަތީގައި ހޮޓާ ހަދައިގެން ގޮނޑި ބަހައްޓައިގެން ދުމާއި ދުންފަތުން މަގު ހިނގާމީހުން ރައްކާތެރިކުރުމަށް ކަމެއް ދުއްޕާންކުރުމަށް ކަމެއް ބުނަން ނޭނގުނަސް ހެސްކިޔާފައި ދުންއަރުވާ ގައުމެއްވެސް ނޯންނާނެ. މިކަހަލަ ކަންކަމުގައި މިއީ ދުނިޔޭގެ 1ވަނަ. ގިނެސް ބުކް އިން މިކަން ރެކޯޑްގެ ގޮތުގައި ނުބަލާތީ އަދި ރެކޯޑް ފޮތަށް ނާރާ އޮތީ ކަމަށްވެދާނެ.

    12
    1