ބިދޭސީންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނުތައް ތަންފީޒުކުރަން ރާއްޖޭގެ ގިނަ ޖަމިއްޔާތަކަކުން ގޮވާލައިފިއެވެ.

ގާނޫނުތައް ތަންފީޒު ކުރުމަށް ޖަމިއްޔާތަކުން ގޮވާލީ މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގަ އެވެ. ބަޔާން ނެރުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، އީކްއަލް ރައިޓްސް އިނީޝިއޭޓިވް، ފެމިލިީ ލީގަލް ކްލިނިކް، ހޯޕް ފޯ ވްމެން، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް، މިޝަން ފޯ މައިގްރާންޓް ވޯކާސް މޯލްޑިވްސް، ޕަބްލިކް އިންސްޓިއުޓް ލޯ ސެންޓަރ އަދި އުތެމަ ގުޅިގެންނެވެ.

އެ ޖަމިއްޔާތަކުން ބުނީ ރޭ ދިމާވި ހާދިސާ ހިނގީ ބިދޭސީން މަސައްކަތް ކުރާ ތަންތަނާއި އަދި ދިރުއުޅޭ ތަންތަނަށް ވެސް ދިވެހީންނަށް އޮންނަ ގާނޫނުގެ ތެރެއިން ކަންކަން ނުހިނގާތީ ކަމަށެވެ.

ބިދޭސީން ގެންގުޅެމުން ދަނީ މީހުން ދިރިއުޅެން ކަމުނުދާ ކުދިކުދި ތަންތަނުގައި ކަމަށާއި އޭގެ ސަބަބުން އެ މީހުންގެ ހައްގުތަކުން މަހުރޫމްވަމުން ދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ރޭ ހިނގި ހާދިސާގެ ސަބަބުން ހަމައެކަނި ގެއްލުން ލިބެނީ ބިދޭސީންނަށް އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން ދިވެހި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް މުޅި މުޖުތަމައުއަށް އަސަރުކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުން ދިރިއުޅެން އެކަށީގެންވާ ތަންތަން ހޯދައިދޭން ޖެހޭނެ ކަަމަށެވެ. މީހުން ޓްރެފިކް ކުރުމާއި ދެކޮޅަށް ރާއްޖެއިން މުއާހަދާތަކުގައި ބައިވެރިވި ނަމަވެސް ރާއްޖެއިން ގަވައިދުތައް ތަންފީޒު ނުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ޒިންމާވާން ޖެހޭ ލެބާ ރިލޭޝަން އޮތޯރިޓީ، ހެލްތު މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލް، އިމިގްރޭޝަން އަދި ފުލުހުންވެސް އެކަމުގައި ޒިންމާ ނެގުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އަދި އެކަމުގައި ޒިންމާ ވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖުގައި ރޭ ރޯވި އަލިފާންގަނޑު އެ ގަރާޖު މަތީގައި ހުރި އިމާރާތައް ފެތުރި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ނިޔާވިކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝްގެ މީހެކެވެ.

ރޭ 12:30 ހާއިރު ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަކީ މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. ފަހުގެ ތާރީޚެއްގައި މާލޭގައި އަލިފާނުގެ ހާދިސާއެއްގައި މިނޫނީ މިހައި ގިނަ ބަޔަކު ނިޔާވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަފީސާ

    ތަންފީޒް ނުކުރެވޭނެ ދުވަހަކު ވެސް. ނުވެސް ކުރާނެ. ސަރުކާރުގެ ނުފޫޒުގަދަ މީހުންގެ ކަންތައްތައްތީ. އިރުއިރުކޮޅާ ބިދޭސީން ހައްގޭ އެމީހުން އަނެކައްޗެކޭ ކިޔައިގެން ސާވޭތައް ކުރުން ނޫން ކަމެއް ނުކުރެވޭނެ. އިދާރާތައް ވަނީ ނުކުޅެދިފަ. ބިދޭސީން ދިރިއުޅޭ ތަންތަނަކީ އެއްވެސް ގޮތަކުން އިންސާނުން ދިރިއުޅެން ހެޔޮވާ ވަރުގެ ތަންތަން ނޫންކަން ނޭނގޭ ސަރުކާރުގެ މުވައްސަސާއެއް، މީހެއް ނެތް. އިކޮނޮމޮކް މިނިސްޓްރީއަށް ވިޔަސް. ޕޮލިސް ވިޔަސް..،...........
    ދެތިން ދުވަސް ވަންދެން އަޑަށް ބާރުލާފަ ދެންމެ ދެންމެ މައްސަލަތައް ހައްލުވެދާނެހެން ހީވާ ކަހަލަ ބައްދަލުވުންތަށް ބާއްވާ ސާވޭކުރުމަށް ގޮވާލާ ނުވަތަ ފުރިހަމަ ތަހުގީގޭ ކިޔާ ހީވާނެ އެހެން ފަދަ ކަމެއްހެން. ހަފްތާއެއް ވާއިރު ؟؟؟؟؟؟؟؟؟؟

  2. Anonymous

    މިޖަމުއްޔާ ތަކަކީ ބޭރުމީހުނަށް މިރާއްޖޭގައި ދީނީ މިނިވަންކަން ހޯދަދޭންއުޅޭ ބޭރުމީހުން ފަންޑުކުރާ ޖަމުއްޔާތަކެއް،

  3. ކޮރަލް

    މާލެ އިން މިއުޅެނީ ދިވެހީން ނިދާލާނެ ތަންކޮޅެއްވެސް ނުލިބިގެން އެވެ. ބިދޭސީން ނިދަން ތިލަ ފުށި ހަމަ ޖައްސަލަން ވީ އެވެ. ދެން ފެރީ ބާއްވާ ނީ އެވެ.

    1
    1
  4. ާއަޙްމަދު

    ހައްްގުތަޢްވެސް ކަށަވަރު ކުރަންވީއެވެ. ޢަދި އެހެންމެ
    ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ޤާނޫން ތަކާއި ޤަވާޢިދުތަކަށް އިޙްތިރާމްކޮށް އުޞޫލްތަކުގެ ތެރެއިން
    ޢެތެރެވާން ދަސްކުރަން ވީއެވެ. ޙައްޤުތައް ކަށަވަރު ކުރަން މުުއައްސަސާތަކަށް ފަަަސޭހަވާނީ އެއިރުންނެވެ.

  5. ދަރަނި ދަންތުރަ

    ރަނގަޅު ދިހަ މީހުން މަރުވީމަ ޖަމަލު ގޮނޑި އެއް ޖަހާލާ ، އަޑެއް އިވޭނީ ތިކަން ތި ނިމުނީ އަނެއްކާވެސް...