މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ދިވެހި ސަރުކާރުން އިންޑިއާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުންނަށް ދީފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އަބްދުލް މޫމިން އަށް އަލިފާނުގެ ހާދިސާގެ މައުލޫމާތުދީ، އެގައުމުތަކުގެ ސަރުކާރުތަކަށާއި، ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިއާ ދަންނަވައިފިން ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ތަހްގީގު މިހާރު ފެށިގެން ކުރިއަށްދާކަމުގެ މައުލޫމާތު ވެސް އިންޑިއާ އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުންނަށް ދީފައި ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުން ނިސްބަތްވާ ގައުމުތަކެއް ދިވެހި ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ ނުވަ މީހެކެވެ. އޭގެތެރޭގައި ތިން އަންހެނަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި ރައީސް ސޯލިހް މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަޙުޤީޤު ކުރެއްވުމަށާއި މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.