"ވަރު ބައި އެޓްމޮސްފިއާ" ރިސޯޓުން ފަތުރުވެރިން ހޯދި ހިދުމަތަކަށް އެމީހުންގެ ރާއްޖޭގެ އެޖެންޓު ފައިސާ ދެއްކުމަށް ދޫކުރި ޗެކެއް ބައުންސުވުމުން މީހެއްގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ޗެކެއް ބައުންސުވި މައްސަލާގައި ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ސ. ހިތަދޫ، ސަރިންދާގެ، މުހައްމަދު ހާދީގެ މައްޗަށެވެ. ހާދީއަކީ މީގެ ކުރިންވެސް މި ފަދަ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހެއް ކަމުން އޭނާގެ މައްޗަށް ކޮށްފައިވަނީ ބޮޑު ހުކުމެކެވެ.

އޭނާގެ މައްޗަށް މަަކަރާއި ހީލަތް ހެދުމުގެ ދައުވާ ކުރީ ފެބްރުއަރީ 15-18، 2020ގައި ގައި އޭނާ މެދުވެރިކޮށް، "ވަރު ބައި އެޓްމޮސްފިއާ" ރިސޯޓުން ޓޫރިސްޓުންތަކެއް ހޯދި ހިދުމަތްތަކަށް އޭނާ ދައްކަން ޖެހޭ 12،887 ޑޮލަރު (198,588 ދިވެހި ރުފިޔާ) ދެއްކުމަށް ދޫކުރި ޗެކު ބައުންސްވި މައްސަލައިގައެވެ. ޗެކު ދޫކުރީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ސަން ކްރޮސް އިންވެސްޓްމެންޓްސް" އިންނެވެ.

މި ޗެކް ބައުންސުވުމުން ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އޭނާއަށް ފުރުސަތު ދިނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައިވެސް އެ ފައިސާ ދައްކާފައެއް ނުުވެއެވެ.

ހާދީ ބުނި ގޮތުގާ އޭނާ އެކަން ކުރީ މަކަރާއި ހީލަތް ހެދުމުގެ ނިޔަތުގައެއް ނޫނެވެ. އެ ފަތުރުވެރިންނަކީ ރާއްޖެއަށް ކަޓަމަރާނެއްގައި އައި ފަތުރުވެރިންތަކެއް ކަމަށާއި، ނަމަވެސް އެ ކަޓަމަރާން ހަލާކުވުމުން އެމީހުންނަށް އެކޮމަޑޭޝަން ހަމަޖެއްސީ ވަރު ބައި އެޓޮމަސްފިއާގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާއަކީ އެމީހުންގެ އެޖެންޓް ނޫން ކަމަށާއި، އެމީހުންގެ އެޖެންޓަކީ މިސްރުގެ ބައެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެމީހުުންނަށް އެތަނުން އެކޮމަޑޭޝަން ހަމަޖައްސައި ދިނީ އެމީހުންގެ އެޖެންޓުގެ އެދުމުގެ މަތިން ކަމަށް ހާދީ ވަނީ ބުނެފައެވެ.

އެއީ އޭނާއަށް ވެސް ލިބުނު ފައިސާއެއް ނޫން ކަމަށާއި، އެހެންކަމުން އެ ފައިސާ ދައްކާނީ ކިހިނެއްތޯ ހާދީ ވަނީ ސުވާލުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ނިންމެވީ ހާދީ ޗެކު ދޫކުރި ކަމާއި އެ ޗެކަށްވާ ފައިސާ ދެއްކުމަށް އެންގިތާ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާތީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް، ހާދީގެ މައްޗަށް މަކަރާއި ހީލަތުގެ ދެ ކުށެއް މީގެ ކުރިން 2017 ވަނަ އަހަރު ސާބިތުވެފައިވާތީ، ޝަރީއަތުން ނިންމީ އޭނާގެ އަދަބުގެ ދަރަޖަ ދެ ދަަރަޖަ އިތުރު ކުރުމަށެވެ. އެގޮތުން، އޭނާ ޖަލު ބަންދުގައި ހޭދަ ކުރި މުއްދަތު އުނިކޮށްފައި ދެ އަހަރާއި އެއް މަހާއި 26 ދުވަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިރާން

    ރިޒޯޓްތަކަށް މަސްކިރުވާ މަސްވެރިންނަށް ތިން ހަތަރު މަސްދުވަސްވާއިރު ފައިސާ ނުދީ ތިބޭ. އެކަހަލަ މައްސަލައެއް ކޯޓަށް ވައްދައިފިއްޔާ ތިޔަކަހަލަ ހުކުމެއް އަތުވެދާނެތޯ

  2. އިންސާފުގެ ނަމޫނާ ޖޯކް

    މަސްވެރިންނަށް ދޫކުރި ޗެކްއަށް ފައިސާ ނުދެއްކުނީމަ ސަރުކާރު ޖަލަށް ލާން ނުވަތަ އަޒުލްކުރުން ނެތީތޯ ސުޕުރީމް ކޯޓޫ

  3. Anonymous

    މިވެސް މަޖާކަމެއް..މިހާރުވެސް ގައުމުގެ އެއްމެ މުއްސަދި މަހުޖަނު މިއުޅެނީ ނިކަމެތި ފަގީރު މަސްވެރިނަތަކަށް އެތައް މިލިއަން ރުފިޔާއަކުން ދަރައިގެން. ޢެ ނުވޭތަ މަކަރާ ހީލަތަކަށް. ޢެ ނބެލޭ މައްސަލަތައް، ކުއްވެރި ނުވާ މައްސަލަތައް ދޯ.