ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިމާޒަށް އިންޒާރުދިން މައްސަލަ ހުށަހަޅާފައި ނުވިޔަސް އެ އިދާރާގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ.

ޝިމާޒް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ދޮގު ތުހުމަތު އަޅުވާފައި ސައިކަލް ހަލާކުކޮށް އާއިލާ އަށް އިންޒާރުގެ މެސެޖް ކުރަމުންދާ ކަމަށެވެ. އަދި އޭނާ އަށް އިންޒާރު ދޭން ފެށީ ކޮން ކަމެއް ނުވެގެންތޯ ސުވާލު ކުރެއްވިއެވެ.

"ދޮގު ތުހުމަތު އަޅުވާފައި ސައިކަލް ހަލާކުކޮށްފަ އިންޒާރުގެ މެސެޖްކޮށްފައި އެ ވަރުން ނުވެގެން މިހާރު އާއިލާ އަށް ގުޅާފަ އިންޒާރު ދޭން ފެށީ ކޮން ކަމެއް ނުވެގެންބާ،" ޝިމާޒް ކުރެއްވި ޓުވީޓުގައިވެއެވެ.

ޝިމާޒްގެ ޓުވީޓުގައި ވަނީ އޭނާގެ ސައިކަލްގެ މަޑީގައި ކަޓަރު އަޅާފައިވާ ތަން ފެންނަ ފޮޓޯއަކާއި މީހަކު ދިން އިންޒާރުގެ މެސެޖް ވެސް އާންމު ކުރައްވައިފައެވެ.

ޝިމާޒްގެ ސައިކަލަށް ގެއްލުންދީ، މަރުގެ އިންޒާރު ދިން އިރު، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ.

އެކަން ހަވާލުކުރީ ރާއްޖޭގައި ދުއްވާ 120،000 ވެހިކަލްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 68 މިލިއަނަށް ވުރެން ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަށް އެ މަސައްކަތުން ފައިދާވާ ގޮތަށް އޭސީސީން ބުނެފައިވެއެވެ.

މި މައްސަލައިގައި އޭސީސީން ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޝިމާޒް މަގާމުން ވަކިކޮށްދޭން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން ދާދި ފަހުން އެދިވަޑައިގެންފައިވެއެވެ.

ރައީސް އޮފީހަށް ފޮނުވި ސިޓީގައި ނަހުލާ ވަނީ، ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް ނަހުލާ ވަނީ ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަނަނަ

    އޯހ…ދެން އެންމެން އަވަހަށް ގަބޫލު ކުރޭ މި މައްސަލަ ބަލަނީ ފުލުހުން އަމިއްލައަށް މަތިންބައިން ޖެހިގެން ކަމަށް. ފުލުހުންގެ ތެރޭގަ ތިބި ޝިމާޒުގެ ރައްޓެހިން ކައިރީ އޭނަ އެއްގޮތަކަށްވެސް ނުބުނޭ މައްސަލަ ބަލާށޭ…ތި ގޭމް ކުޅޭ ގޮތް ދަންނަ މީހުންވެސް އުޅޭކަން އަންގާލީ އިނގޭ..

  2. ބުރާންތީ

    ގަރާޖު ސިޓީ ވިއްކައިގެން ކައިބޮއި އުޅޭ ބޭފުޅުން