ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ފާތިމަތު ޔުމްނާ އާތިފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބެޖް ހަވާލުކޮށްދެއްވައިފިއެވެ.

މިއަދު މެންދުރު އޮތް ޕްރެޒިޑެންޓްސް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގަރލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އާއި، ޗީފް ކޮމިޝަނަރ ނިއުމާތު ޝަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސް ވަނީ، މަރުހަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތައުރީފް ކުރައްވާފައެވެ.

އަދި ގަރލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީށް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތައާރަފް ކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފައެވެ.

"މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާސިލްކުރި ފުރަތަމަ ފަހަރު. ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަހުރުވެރި ޝަރަފެއް." ރައީސް ސޯލިހް ވިދާޅުވި އެވެ.

ގަރލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ އާތިފް ވަނީ، އެބެޖްގެ އިތުރުން، ގަރލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފައެވެ