މިދިޔަ މަހު މަހުގެ 10 ވަނަ ދުވަހު މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލީ މީހާވެސް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހާލުބޮޑުވި މީހާ މި މަހުގެ 20 ވަނަ ދުވަހު ވޯޑަށް ބަދަލުކުރި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ވޯޑުން ވެސް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވިއެވެ.

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ގިނަ ބަޔަކު ނިޔާވި އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި 10 މީހަކު ނިޔާވިއެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި، އިންޑިއާގެ އަށް ރައްޔިތެކެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

އެ ހާދިސާއާ ގުޅިގެން ގެއްލުންވި ގޭގޭއަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓު ހަދައި ނިމިފައިވާ ކަމަށާއި މި ވަގުތު ކުރަމުންދަނީ ގެއްލުންތައް އަގުކުރުމާއި އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.