ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފ. ދަރަނބޫދުއާއި ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ވޭމަންޑޫގައި ހޮނިހިރު ވިލޭރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ތ.އަތޮޅު ކައުންސިލު އަދި ވޭމަންޑޫ ކައުންސިލު މެންބަރުން ބައިވެރިވެލެއްވިއެވެ.

ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ. އަދި ދަރަނބޫދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.

ފީއަލީގައި ކުރިން ދެމުންގެންދިޔަ ޕޮލިސް ޑެސްކުގެ ޚިދުމަތް ޕޮލިސް ޕޯސްޓެއްގެ ޚިދުމަތަށް ބަދަލުކޮށް، ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް ރަސްމީކޮށް ފުލުހުންގެ ޚިދުމަތްދޭންފަށާފައިވާއިރު ނިލަންދޫ، މަގޫދޫ އަދި ބިލެތްދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ފުލުހުންގެ ޚިދުމަތްދަނީ ދެމުންނެވެ.

ދަރަނބޫދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ފުލުހުންގެ ޚިދުމަތްދޭންފެށި ފުރަތަމަ އަތޮޅަކީ ފ. އަތޮޅު ކަމަށް ވަނީ ވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާމީ ޙަސަން މަނިކު . މ ވައިނުޖެހޭގެ

    ކަންމަތީ ފިހާރަ . އަވައްޓެރި ފުލުހުން . ވަށާޖެހޭ ސިޔާސަތު . ލާ މަރުކަޒީ ކުރުން . ރައްޔިތުމީހާ . މުސާރަ ގެއަށް ގެންދަން ލިބުން . ރޯނު ދަމާ އިންވަކިކޮށް ގޯތިކެނޑުން . މިހިރީ ހައްތަހާވެސް ސިޔާސީ ބަދަވީން އުފައްދާފައި ހުރި މުނާފިގު ބަސްތައް . ދިވެހި ބަސްވެސް މި ބަދަވީން ހަލާކު ކޮށްފި . ސުވަރުގެއަށް ދިޔަޔަސް މާތް ކަލާންގެއަށް ދަންނަވައިގެން ވެސް ނަރަކައަށް ދާނަން މި ސިޔާސީ ބަދަވީން ތެޅޭ ވައްތަރު ބަލަން