ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ވީލް ޗެއާ ރޭމްޕެއް ހުޅުމާލޭ ފޭސް ދޭއްގެ ބީޗްގައި ގާއިމް ކުރުމަށް ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް އާބާދުވެގެން ދާއިރު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް ގެނެވެމުންދާ ކަމަށެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.
![](https://vaguthu.mv/wp-content/uploads/2022/12/319667271-532574475468640-8987394388482019233-n-1024x576.jpg)
" ހުޅުމާލެ ހިޔާ ފުލެޓު ކައިރީ އޮންނަ ބީޗް ސަރަހައްދުގައި ވީލްޗެއާ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާއިރު މިހާރު މި ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތްދަނީ ކުރެވެމުން. އެގޮތުން މިހާރު ބްލޮކް އެޅުމުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވި. ހުޅުމާލެގެ ހިޔާ ބީޗް ސަރަހައްދުގައި އެޗްޑީސީގެ ފަރާތުން ރޭމްޕް ޤާއިމު ކުރުމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ." އެޗްޑީސީން ބުނެފައި ވެއެވެ.
އެ ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު އެ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތައްވެސް ވަނީ ގިނަވެފައެވެ. އެހެންކަމުން ހަފްތާ ބަންދު ދުވަސްތަކުގައި އެ ސަރަހައްދަށް އާއިލާއާއިއެކު މޫދަށް އަންނަ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މި ވީލްޗެއަރ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން އުނދަގުލެއްނެތި މޫދަށް އެރިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
![](https://vaguthu.mv/wp-content/uploads/2022/12/319789574-538274591529254-234774923016373653-n-1024x576.jpg)
އެ ސަރަހައްދުގައި ގާއިމު ކުރާ ވީލްޗެއާ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް ކުރިޔަށްދާއިރު އެ ރޭމްޕް ޑިސެމްބަރ މަހުގެ ފަހުކޮޅުގައި ބޭނުން ކުރެވޭނެއެވެ.
އެޗްޑީސީން ބުނީ ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެގޮތުން، އެ ކޯޕަރޭޝަނުން އަބަދުވެސް މި ފަރާތްތައް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.