ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ލިބުނު ހިތްދަތި ނަތީޖާ އަށް ފަހު ފްރާންސް ޤަައުމީ ޓީމު އެނބުރި ޤައުމަށް ގޮސްފިއެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސް، ބަލިވީ ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލަށް ފަހު ފްރާންސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އެނބުރި ޤައުމަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ފްރާންސްގެ ވެރި ރަށް ޕެރިސްގައި ހުންނަ ޗާލްސް ޑީ ގައުލް އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުންތެރިންނަށް މަރުޙަބާ ކިޔުމަށް އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ. ކުޅުންތެރިން ދަތުރު ކުރި ބޯޓުން ފޭބުމާއެކު، އެ ޤައުމުގެ ބައެއް އިސް ފަރާތްތަކުގެ އިތުރުން އާންމު އެއާޕޯޓު މުވައްޒަފުން ވެސް ވަނީ ޓީމަށް މަރުހަބާ ކިޔައި، ހިތްވަރު ދީފައެވެ. އެ ސަރަހައްދަށް އެއްވި އާންމުން ތިބީ "ޓީމުގެ ދެކެ ޕެރިސް ވަރަށް ލޯބިވޭ" އަދި "ސާބަސް" ޖަހާފައިވާ ބެނާ ހިފައިގެންނެވެ.

އެތަނުން ވާހަކަ ދެއްކި އާންމު ރައްޔިތަކު ބުނީ ފައިނަލުން ބަލިވުމަކީ ވެސް ކޮންމެ ސަޕޯޓަރަކަށް ވެސް ލިބޭނެ ދެރައެއް ކަމަށެވެ. އެއަށްވުރެ ކުޅުންތެރިންނަށް ލިބޭނެ ދެރަ ބޮޑުކަން ފާހަގަކުރަމުން އޭނާ ބުނީ، މިވަގުތުގައި ޓީމަށް ހިތްވަރު ދިނުމަށް ތިބީ ވެސް ސަޕޯޓަރުން ކަމަށެވެ. އެހެންކަމުން ޓީމަށް ހިތްވަރު ދޭން ބޭނުންވާ ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތާއި، ދެއްކި ހިތްވަރަށް އެކަން ހައްޤު ކަމަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އިތުރުން ޓީމުގެ ކުޅުންތެރިން ފްރާންސްގެ ސަޕޯޓަރުންނާ ބައްދަލު ކުރިއެވެ. އެއީ މުބާރާތުގައި ސަޕޯޓަރުން ދިން ހިތްވަރާއި، ސަޕޯޓަށް ޝުކުރު އަދާކުރުމަށެވެ. ފްރާންސް ޓީމަށް ސަޕޯޓު ދެއްވުމަށް އެ ޤައުމުގެ ރައީސް އިމޭނުއެލް މެކްރޯންގެ ދެ ކަނބަލުން ވަނީ ފައިނަލް މެޗަށް ވަޑައިގެންފައެވެ. ފައިނަލްގައި ފްރާންސް އިން ނަތީޖާ ހަމަހަމަ ކުރި ދެ ވަގުތު ވެސް މެކްރޯން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކުރައްވައިފައެވެ. މީގެ އިތުރުން ފައިނަލުން ބަލިވުމުން، ދަނޑަށް ވަޑައިގެން ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުގެ އިތުރުން، ޗޭންޖިން ރޫމުގައި ވެސް މެކްރޯން ވަނީ ކުޅުންތެރިންނާ ވާހަކަދައްކަވާފައެވެ.