ދުނިޔޭގައި ވަރަށް މަދު ފެންނަ މަހެއް ކަމަށްވާ "ސަން ފިޝް" އެއް ރާއްޖޭގައި ބާނައިފިއެވެ.

ބ. ފުޅަދޫ މީހަކު ބޭނި މި މަހަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް ވަރަށް މަދުން ފެންނަ މަހުގެ ބާވަތެކެވެ. އަދި އެ މަހަކީ ބާނަން ވަރަށް އުނދަގޫ މަހެކެވެ.

އެއީ މި މަހަކީ ވަރަށް ފުނުގައި އުޅޭ މަހަކަށްވުމާ ވެސް އެކީގައެވެ.

މި މަސް ބޭނި މީހާ "ވަގުތަށް" ބުނި ގޮތުގައި ބަރުދަނުގައި ގާތްގަނޑަކަށް 900 ކިލޯ އަދި ހަ ފޫޓު ވަރު ހުރި މި މަހަކީ ލޭނު އަޅައިގެން މަސްވެރިކަން ކުރި ދުވަސް ވަރު މަދުން ނަމަވެސް ފެންނަ މަހެކެވެ. އޭނާ ބުނީ މި މަސް ބާނާފައި ވަނީ ކަނޑުގެ 500 މީޓަރު އަޑިން ކަމަށެވެ.

އެމީހާއަކީ ހިބަރު މަސް ހިފުމަށްޓަކައި ލޯންޗެއްގައި މަހަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ.

އޭނާ ބުނީ ސަން ފިޝްގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާއި ޚިއްސާ ކޮށްފައިވާ ކަމަށެވެ. ބިޔަ ބޮޑު މި މަސް ފަޅާލުމަށްފަހު އާއިލީ މީހުންނާއި ރައްޓެހިންގެ މެދުގައި ބަހާލާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މި މަހުގެ ބައިތައް މާލޭގައި ތިބި ގާތް ފަރާތްތަކަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ދުނިޔޭގައި ވަރަށް މަދުން އާލާވާ ދިރުމަކަށްވީ ނަމަވެސް މި މަހަކީ ރާއްޖޭގައި ބޭނުން ނުވަތަ ހިފުން މަނާ ބާވަތެއް ނޫނެވެ. އަދި މިއީ ހިމާޔަތް ކުރެވިފައިވާ މަހެއް ވެސް ނޫނެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައި ވަނީ ދުނިޔެ އިން ނެތުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހިފުމަށް ތަރުހީބު ނުދޭ ކަމަށެވެ. އަދި މަސްވެރިން ކިބައި އެދެނީ މިފަދަ ތިމާވެށީގެ ދިރުންތަކަށް ގޯނާ ނުކުރުމަށް ކަމަށް ވެސް އީޕީއޭ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަން ރީނދޫ

    ކެކެކެ. ތިމާވެށި ހިމާޔަތް ކުރާ އިސް ގައުމުގެ ހާލަތު. ޕަކާސް.

    20
  2. ސާސް

    ދުނިޔެއިން މަދުތަކެތި ދޫކޮށްލުން ރަނގަޅީ

    17
    2
  3. އަހްމަދު

    މިކަހަލަ މަސް ތިލަވުމަކީ ގުދުރަތީ ކާރިސާއެއްގެ ރަނގަބީލަކަށް ނުވާނެބާ!

    17
    3
  4. ޖަމިއްޔާ

    ޖަނަވާރާއި މަސްމަހާމެހި މަރާލުމަށްފަހު އޭގެމައްޗަށް އެރުމަކީ ބޭއަދަބީކަމެއް.

    42
    1
  5. ޔުގަތަ

    ގާތްގަނޑަކަށް ހައްޖެއް ތި ލިބުނީ …..

    10
    5
  6. މީހެއް

    ދެން އޭގެ މައްޗައް އެކުއްޖާ އެރުވި މީހަކަށް ހަމަ ނޭނގެނީތަ އެވެސް ފުރާނަ އެޅުއްވި އެއްޗެއްކަމެއް.. ވަރަށް ފުރިހަމަ ތަރުބިއްޔަތެއް ތިޔަދެނީ ...

    26
  7. ރަން

    ނާ ތަހުޒީބު ކަމެއް..

    10
    1
  8. މަބޫ

    މީ ކެއުމަށް ރަނގަޅު މަހެއްތަ؟ އަދި މީރު މަހެއްތަ؟