ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގު ބޮޑު ގުރުއާން މުބާރާތް "ރަން ތާޖް މުބާރާތް" މިއަދު ލޯންޗުކޮށްފިއެވެ.

މި މުބާރާތް ބާއްވަނީ ޔޫތު މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެންނެވެ. މި މުބާރާތުގެ ފުރަތަމަ ސީޒަން މި އަހަރުގެ ރަމަޟާން މަހު ބާއްވާ ގޮތަށް ވަނީ ނިންމައިފައެވެ.

މި މުބާރާތް ލޯންޗުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްނީ ސައީދު އަދި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަންސް އާމިރް ސަލީމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ދިވެހިންގެ ތެރެއިން ހާއްސަކޮށް ގިނަ ޒުވާނުންނަކީ ކީރިތި ގުރުއާނަށް ލޯބި ކުރާ ވަރަށް ރީތިކޮށް ގުރުއާން ކިޔާ ޒުވާނުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ތަފާތު އެހެން ކަންކަމުގައިވެސް އެކިއެކި މުބާރާތްތައް ވަރަށް ފޯރީގައި ބާއްވާ ހަދާ. އެހެންވީމާ، އަޅުގަނޑުމެން އެންމެން ގަބޫލުކުރަނީ ކީރިތި ގުރްއާން ކިޔެވުމުގައި އެންމެ މޮޅަށް އެކަން ކުރާ ފަރާތަކަށް އަޅުގަނޑުމެން އެންމެންވެސް އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ މުބާރާތެއް ބޭއްވުމަކީ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ ކަމުގައި" މަހްލޫފް ވިދާޅުވިއެވެ.

"ރަން ތާޖް މުބާރާތް" ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ރާއްޖެ ޓީވީ

ބަރަކާތްތެރި ރަމަޟާން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންނަށް ބައިވެރިވެވޭނެ މުބާރާތެއް ކަމުގައި އިސްލާމިކް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ކޮންމެ އުމުރުފުރައެއްގެ ބަޔަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި މުބާރާތް ކާމިޔާބު ކުރާ މީހަކަށް 300،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މި މުބާރާތުގެ ކުރިން މާލެ ސިޓީ ހިމެނޭ ހެން ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮޑިޝަންތައް ބާއްވާނެއެވެ.

"މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ޔޫތް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީގެ ޓީމެެއް ނަގައިގެން މަސައްކަތް ކުރަމުން މި އަންނަނީ. ޓެކްނިކަލް ސަޕޯޓާ އެކީގައި ރާވާފައި އޮތް ރޭވުންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ." އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި އޮޑިޝަންތައް ބޭއްވި، ހޮވާލެވޭ ކުދިން މާލެ ގެނެވި އަދި ލިބެންވާ ތަމްރީނާއި އަދި އެކުދިންނަށް އިރުޝާދުތަކާއި މި ހުރިހާ ކަންތައްތައް ކޮށްގެން، އެކުދިން އެންމެ ރަނގަޅަށް ތައްޔާރުކުރެވޭ ހިސާބުން މުބާރާތް ކުރިއަށް ގެންދާނީ."

ރާއްޖޭގައި މިހާތަނަށް ބޭއްވި ގުރުއާން މުބާރާތްތަކަށް ވުރެ މިފަހަރުގެ މުބާރާތް މާ ފުރިހަމަ ވާނެ ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރާތް ރާއްޖޭގެ އަސްދަނޑިން ބޭރަށްގޮސް ބައިނަލްއަގްވާމީ މުބާރާތަކަށް ވެގެންދިއުން". އާމިރު ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣ

    ބަލަ ދައުލަތުގެ މީޑިއާ އަކީ ރާއްޖެ ޓީވީތަ...ސިޔާސީ ވިޔަސް ބޮޑުވަރު

    16
  2. ޖޯން ސްނޯ

    ތީ ދައުލަތުން ކުރާ ކަމެއް ވިއްޔާ ތިކަން ރާއްޖެޓީވީ އަށް ލިބުނު ގޮތް ބަލަން ޖެހޭ. ރާއްޖެޓީވީ އަށް ލާރި ދެޭން ކުރާހާ ކަންކަން. މި މީސްމީހުން މަގާމު ތަކާ މި ހަވާލު ވަނީ ދައުލަތް ދަވާލާ އަމިއްލަ އަންބޮނޑި ބޮޑު ކުރަންތަ؟