އެމްއެންޑީއެފް އިން ހިންގި 22 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ.

މި ކޭމްޕް ނިންމުމުގެ ގޮތުން ކ.ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވަނީ ކޭމެޕްގެ ކެޑޭޓުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ގައުމީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ތެރެއިން ވަނަ ވަނައަށް އައި ދަރިވަރުންގެ އިތުރުން ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެވެ.

މި ކޭމްޕްގައި ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަޙްމަދު ފާލިޙް ޢަބްދުލް މުޙުސިން އެވެ. އެންމެ މޮޅު ފިރިހެން ދަރިވަރަކަށް މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަމްޖަދު ޚާލިސް ޝަރީފް ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންގެ ކެޑޭޓް ޕްރައިވެޓް އައިޝަތު ޒަރާ އަޙްމަދު ޒިރާން އެވެ. އެއް ވަނަ ޕްެލެޓޫނަކަށް ހޮވިފައިވަނީ މައިކް ޕްލެޓޫނެވެ. މިރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވީ ޤައުމީ ކެޑޭޓް ކޯރގެ ޑައިރެކްޓަރ އެޑްމިން އެންޑް ލޮޖިސްޓިކް ކެޑޭޓް ރިފާން ޢަލީ ވަޙީދު އެވެ.

ގައުމީ ކެޑޭޓް ކޯރއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މި ކޭމްޕްގައި އިންޑިއާގެ ހަތަރު ކެޑޭޓުންނާއި ނޭޕާލުގެ ހަތަރު ކެޑޭޓުން ވަނީ ބައިވެރިވެފައެވެ.

ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައަޅާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ރިވެތި އަޚްލާގާއި ސްލޫކް އަށަގެންނެވުމާއި، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން ގައުމީ ރޫހު އުފައްދާ ދިރުވުން ވެސް ހިމެނެވެ. މީގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ގަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން ވެސް މިކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެވެ.

މިއަހަރުގެ ކެޑޭޓް ކޭމްޕްގައި ކިޔަވައިދީފައިވާ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، އަންއާރމް ކޮމްބެޓް، ލީޑަޝިޕް، ފަޔަރ ފައިޓިންގ، އަދި މެރިޓައިމް ސްޓަޑީޒްގެ މަޢުލޫމާތު ހިމެނެވެ. މީގެ އިތުރުން ކެޑޭޓް ކޭމްޕްގެ ދަރިވަރުން އިސްލާމްދީނަށް އަހުލުވެރި ކުރުވުމަށްޓަކައި ދީނީ ދަރުސްތައް ދީފައިވެއެވެ. އަދި ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މިކޭމްޕްގެ ބައެއްގެ ގޮތުގައި ފަސްވަގުތު ނަމާދުކުރުމުގެ އާދަ އުނގަންނައި ދެވިފައިވެއެވެ.

މިކެޑޭޓް ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 33 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މާލޭގެ 13 ސްކޫލްއާއި އަތޮޅުތަކުގެ 20 ސްކޫލްގެ ކެޑޭޓުން ބައިވެރިވިއެވެ. މި ކޭމްޕުގައި ޖުމްލަ 117 ކެޑޭޓުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 60 ފިރިހެން ކެޑޭޓުންނާއި 57 އަންހެން ކެޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު