ޗައިނާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންނާ މެދު އަޅާނެ ފިޔަވަޅެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަދި ނުނިންމާކަން އެނގިއްޖެއެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ކުރީ ކޮޅު އެންމެ ފުރަތަމަ ރާއްޖެއަށް އައުން މަނާކުރީ ވެސް ޗައިނާގެ ފަތުރުވެރިންނެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ބޯޑަރުތައް އެއްކޮށް ބަންދުކުރިއެވެ. ނަމަވެސް ފަހުން އަނެއްކާވެސް ރާއްޖޭގެ ބޯޑަރުތައް ހުރިހާ ގައުމުތަކަށް ވެސް ހުޅުވާލިއެވެ.

އެކަމަކު ޗައިނާއިން ގެންގުޅެމުން އައި ޒީރޯ ކޮވިޑްގެ ސިޔާސަތުގެ ދަށުން އެ ގައުމުގެ މީހުން ގައުމުން ބޭރަށް ދިއުން މަނާކޮށްފައި އޮތުމުން ކޮވިޑްގެ ފަހުން މިއަދާ ހަމައަށް ވެސް ރާއްޖެއަށް ޗައިނާގެ ފަތުރުވެރިންނެެއް ނާދެއެވެ.

ޗައިނާގެ ބޯޑަރުތައް މިހާރު ވަނީ އަލުން ހުޅުވާލައިފައެވެ. އެކަމަކު ޗައިނާގައި އަލުން ހަލުވި ކަމާއެކު ކޮވިޑް ފެތުރޭތީ އެ ގައުމުގެ މީހުން އެހެން ގައުމުތަކަށް ދަތުރުކުރާ އިރު ދަނީ ބައެއް ގައުމުތަކުން ދަނީ އެ މީހުން ސްކްރީން ކުރަމުންނެވެ.

ޗާއިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނީ މި މަހުގެ 18 އިން ފެށިގެންނެވެ.

ހެލްތު މިނިސްޓްރީގެ މީީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ ޗައިނާގެ ފަތުރުވެރިންނާ މެދު އަމަލުކުރާނެ ވަކި އުސޫލެއް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިމިގްރޭޝަނާއި އެމްއޭސީއެލް އަދި ކަސްޓަމްސް ފަދަ މުއައްސަސާތަކާއެކު އިއްޔެއާއި މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ވަރަށް އަވަހަށް ނެރޭނެ އަމަލުކުރާނެ އުސޫލެއް. އެކަމަކު މިހާރު ވެސް އޮންނާނެ ފަތުރުވެރިންނާ މެދު އަމަލުކުރާނެ އުސޫލެއް، މިސާލަކަށް ބަލީގެ އަލާމާތް ފެންނަކަމަށް ވާނަމަ" މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މީގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނައިރު ކޮވިޑްގެ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހުނު ނަމަވެސް މިހާރު އެ ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    އަންނި ކައިރި ނާހާ ގޮތެއް ނިން މަން އުނދަގޫ ވާނެ އެވެ.