ރާއްޖޭގެ އިންޝުއަރެންސް ބްރޯކާ ކުންފުނި ސެގޫރޯއިން އާ އަހަރާ ގުޅިގެން ތަފާތު ހަދިޔާއެއް ތައާރަފްކޮށް ބަހައިފިއެވެ.

އާންމުކޮށް އާ އަހަރާ ގުޅިގެން ހަދިޔާގެ ގޮތުގައިި ދެނީ ކަލަންޑަރާއި ނޫނީ ކުންފުނިތަކުން ވިއްކާ އެކި ކަހަލަ ގިފްޓް ޕެކެވެ.

ނަމަވެސް ސެގޫރޯއިން މި ފަހަރު ވަނީ ހަދިޔާގެ ރަހަ ބަދަލުކޮށްލައި މުޅިން ތަފާތު ވައްތަރެއްގެ ހަދިޔާއެއް ދީފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ޒިޔާރަތްކުރާ އިރު ވެސް އެ ރަށަކުން މެހެމާންދާރީ އަދާކުރާ އިރު އެރަށެއްގައި އާންމުކޮށް ކާ ކާކެތި ހަދިޔާގެ ގޮތުގައިި ދޭ އިރު ސެގޫރޯގެ ހަދިޔާ ބިނާކޮށްފައި ވަނީ އެ ކޮންސެޕްޓްގެ މައްޗަށެވެ.

"ރަށު ހަދިޔާ މުޅޯށި" ގެ ނަމުން ނަން ދީފައިވާ އެ ހަދިޔާގައި ހިމެނެނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް ފާހަގަކޮށްލެވޭ ކާތަކެއްޗެވެ.

އެގޮތުން ރާއްޖޭގެ އެންމެ އުތުރު ހއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގައި އެންމެ މަޝްހޫރު ކާތަކެތި އެ ހަދިޔާ މުޅޯށީގައި ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ހދ. އަތޮޅުގައި މަޝްހޫރު ހާލު ފޮޅިން ފެށިގެން މ. އަތޮޅުގައި ހަދާ މަޝްހޫރު ރިހާކުރާއި އަދި އައްޑޫ ގައި ހަދާ އައްޑޫ ބޮނޑި ހިމެނެއެވެ.

ސެގޫރޯއަކީ ރާއްޖޭގައި މިހާރު މަޝްހޫރު އިންޝުއަރެންސް ބްރޯކަރަކަށްވާ އިރު އެ ކުންފުނިން ހަނދާން ކޮށްދެނީ އިންޝުއަރެންސް ނަގަން ޖެހޭނީ ކޮންމެހެން ކަމެއް ދިމާވުމުން ނޫން ކަމެވެ.

އެ ހަދިޔާއާއެކު ހަތް ދުވަހުގެ ޕްރޮޓެކްޝަން ގެރެންޓީ ޕްލޭންއެއް ވެސް ލިބޭނެއެވެ. އެ ޕްލޭން ދަށުން ރަށު މުޅޯށި ހަދިޔާގައި ހިމެނޭ ކާއެއްޗެއް ބޭނުންކޮށްގެން އެލާޖިކް ފަދަ ކަމެއް ދިމާވެއްޖެ ނަމަ ވެސް 5000 ރުފިޔާއާ ހަމައަށް ބަދަލު ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސެގޫރޯ މެދުވެރިކޮށް ރާއްޖޭގެ އެކި ވައްތަރުގެ އިންޝުއަރެންސް ޕޮލިސީތަކާ ގުޅޭ މައުލޫމާތު ލިބޭއިރު ކަސްޓަމަރުގެ ބަޖެޓާ އަދި އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް އެންމެ ރަނގަޅު ޕޮލިސީތައް ނެގުމުގައި އެހީތެރިވެދޭނެ އެވެ.