އެތައް ޒަމާނެއް ވަންދެން ފަޅު ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ފަހު، މަޝްހޫރު ދަނޑުވެރިޔާ ގަމީރާ އާދަމް އުފަން ރަށް އއ. ތޮއްޑޫ އަށް ބަދަލުވެއްޖެއެވެ.

ގަމީރާ ފަޅު ރަށްރަށުގައި ދަނޑުވެރިކަން ކުރަން ފެށީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

އޭނާ އައީ 2009 ހިސާބުން ފެށިގެން ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އަންހެން ފުށީގައި ދަނޑުވެރިކަން ކުރަމުންނެވެ.

ނަމަވެސް މީގެ ތިން މަސް ކުރިން އެ ރަށަށް ދޫކޮށްލައި ގަމީރާ ވަނީ އޭނާގެ އުފަން ރަށް، އއ. ތޮއްޑޫއަށް ބަދަލުވެފައެވެ.

ގަމީރާ "ވަގުތަށް" ބުނީ އޭނާ ރަށަށް ބަދަލުވީ އޭނާގެ މައިންބަފައިން މިހާރު މުސްކުޅިވެފައިވާތީ އެ މީހުން ކައިރީގައި މަޑުކުރަމުން ކަމަށެވެ.

ތޮއްޑޫގައި ހުރި ނަމަވެސް ގަމީރާ ދަނީ އެ ރަށުގައި ވެސް ދަނޑުވެރިކަން ކުރަމުންނެވެ. ނަމަވެސް ކުރިން ފަޅު ރަށުގައި ކުރި ވަރާ ގާތަށް ދަނޑުވެރިކަމެއް ނުކުރެވެއެވެ.

ތޮއްޑޫގައި އޭނާ މިހާރު އެންމެ ބޮޑަށް ކުރަމުންދާ މަސައްކަތަކީ ބޭކަރީއެއް ހިންގުމެވެ.

"ޕާން އެކަންޏެއް ނޫން މި ތައްޔާރުކުރަނީ. ފަޅޮލާއި ފެޝަން ފުރުޓުން ޖޭމް ހަދައިގެން މިހާރު ގެސްޓު ހައުސްތަކަށް ވިއްކަން. ދެން ރިސޯޓްތަކަށް ވެސް ސާމްޕަލް ފޮނުވައިފިން" ގަމީރާ ބުންޏެވެ.

ތޮއްޑޫއަކީ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ހިންގާ އިރު ކުރިއަށް އޮތް ތަނުގައި ގެސްޓު ހައުސްގެ ވިޔަފާރިއަށް ވެސް ވަނުމަކީ ދުރު ކަމެއް ނޫން ކަމަށް ގަމީރާ ބުންޏެވެ.

ގަމީރާ މީގެ ކުރިން ދަނޑުވެރިކަން ކުރި އިރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށާއި އަދި ލޯކަލް މާރުކޭޓް ބައެއް ފަހަރު މުޅިން އޭނާއަށް ބަރޯސާ ވެގެން އުޅުނު ކަމަށް ވެސް އޭނާ ބުނެއެވެ.

"ދަނޑުވެރި ކަމަކީ ހަމަ އަމިއްލަ ނަފްސާ ގުޅިފައިވާ ކަމެއް" ގަމީރާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މިފަދަ ހީވާގި ހުނަރުވެރި މީހުންނަށް ސަރުކާރުން ބިންކޮޅެއް ފައިސާ ކޮޅެއް ނުދެ އެވެ.

    35
    1
  2. ދިވެހި ޒުވާނުން

    ފިސާރި ކަނބަލެއް