މަރުގެ މައްސަލައެއްގައި މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ދިވެހި މީހާގެ ބަންދަށް 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ފަހުން ގެއްލުނު ދެ މީހުން ހޯދަމުން ދަނިކޮށް ދިވެހި މީހާ ފުލުހުންނަށް ފެނިފައި ވަނީ އިއްޔެއެވެ. ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އެ ބޯޓުގައި ދެން ދަތުރު ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، މަރާލި ކަމުގެ ތުހުމަތެވެ. އެ ބަންގްލަދޭޝް މީހާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ވ. އަތޮޅު ކަނޑުމަތިން ފެނިފައިވެއެވެ.

އޭރު އެ ހަށިގަނޑު ކަނޑުމަތީގައި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މުހައްމަދު ނިޒާމްގެ އިތުރުން ލިޓަން ގެއްލިގެން ހޯދަމުންދާ ކަމަށް އިއުލާންކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރެއެވެ. ފުލުހުން އޭރު ބުނި ގޮތުގައި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފުލުހުން އާންމު ކުރި މައުލޫމާތަށް ބަލާ އިރު، ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ކައިރިން ފެނިފައި ވަނީ ވެސް ބުރާސްފަތި ދުވަހުއެވެ.

އޭގެ ފަހުން ބޯޓުން ދަތުރުކުރި ދިވެހި މީހާ މާލެތެރޭގައި އުޅެނިކޮށް ފޮޓޯއެއް ނަގާފައިވެއެވެ. އެ ފޮޓޯ ހިއްސާ ކުރެއްވީ ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު (ޖަނާބު އިއްބެ)އެވެ.

ގެއްލިގެން ހޯދާ މީހާ މާލޭގައި ހުރިއިރު ފުލުހުންނަށް އެކަން ނޭނގި ގިނައިރުތަކެއް ވުމުން އެ މައްސަލާގައި އާންމުންގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް އަމާޒުވިއެވެ. އޭނާ ދަތުރުކުރި ކަމަށް ބުނާ ބޯޓު އޮޔާދަނިކޮށް ފެނިފައިވުމުން، އެކަމުގައި ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.