ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް 3 ރަށެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކިބައިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ.

މިއަދު މެންދުރުފަހު ރ. އަލިފުށީގައި ބޭއްވުނު މިބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލުން ވަނީ އެހެނިހެން ކަންތައްތަކަށްވެސް އެދިފައިއެވެ.

ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމާއި، ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް 3 ރަށެއް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާކަމަށާއި، ތާރީޚީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްޤީކުރުމަށް، ރ. ކަނދޮޅުދޫ އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވުމަށް، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރ. އަތޮޅު ކައުންސިލާއި ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫޢުތަކާއި އަދި ރޭވިފައިވާ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އަދި، މިބައްދަލުވުމުގައި ކައުންސިލަރުން ފާޅުކުރެއްވި ޚިޔާލާއި ދެއްވި މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއަރޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށެވެ. އަދި، ދެން އެންމެ އަވަހަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެ ސަރަޙައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރ. އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަމަށާއި އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އަތޮޅު ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރުފަހު ރ. އަތޮޅު ކައުންސިލް މެމްބަރުންނާއި އެކު ބޭއްވެވި މިބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ވަނީ، މިސަރުކާރުން އަލިފުށީ ސްކޫލުގައި އިމާރާތްކޮށްދެއްވި މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވައި އެ ޢިމާރާތް ބައްލަވައި ލައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އަލިފުށީ ކައުންސިލާ އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން މިއަދު މެންދުރު ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސްގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފުދުގައި ހިމެނޭ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އެއާޕޯޓް އަޅާނެ 100 މިލިޔަނެއް ޚަރަދުވާ އެއާޕޯޓަކަށް 200 މިލިއަން ޚަރަދުވާނެ. އަދި 2 ރިސޯޓް އިންޑިޔާއަށް ދޭންޖެހޭނެއެވެ. ފެންވަރު ހުންނާނީ ގެންނަ ޕްލެޓްފޯމް ފަރަށްއަރާނެ ސޭލާގެ ދަނޑިބިންދައިގެންދާނެ ނިމޭނީ 10 އަހަރުފަހުންނެވެ.

    5
    1