ގދ. ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް ކްލާސް ރޫމެއް ހުންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފިޔޯރީ ސްކޫލްގައި އަލިފާން ރޯވެފައި ވަނީ ހަވީރު 5:20 ހާއިރުއެވެ. މި ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް ވަނީ އަނދައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ އަލިފާން ރޯވި އިމާރާތުގައި ހުންނަ ފަސް ކްލާސް ރޫމްގެ ތެރެއިން ތިން ކްލާސްރޫމަކީ ކުދިން ކިޔަވަން ތިބޭ ކްލާސްރޫމްތަކެއް ކަމަށެވެ.

ފިޔޯރީ ސްކޫލުގައި 180 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދެއެވެ. އެ ސްކޫލުގެ ޖަލްސާތަކާއި އެހެނިހެން ހަފުލާތައް ވެސް ބާއްވަމުން އައީ މިއަދު އަނދައިގެން ދިޔަ އިމާރާތުގައެވެ.

ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެ މިނިސްޓްރީ އާއި ސްކޫލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ހާދިސާ ހިނގި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު