މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓުން ރައްކާތެރި ނޫން ތަނެއް އަދިވެސް މާލޭގައި އެބަހުރި ކަމަށާއި އެކަން ރަނގަޅުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ނީލާފަރު ފިހާރައިގައި ހިގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިގި ތަނަށް ވަޑައިގަންނަވައިގެން އެސަރަހައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ނައިބު ރައީސް ވިދާޅުވީ އާންމު ރައްޔިތުން ދިރިއުޅޭ ހިސާބުގައި އަދިވެސް ނުރައްކާތެރި ތަނެއް މާލޭގައި ހުރި ކަމަށާއި އެތަން އެހެން ސަރަހައްދަކަށް ބަދަލުކުރާނެ ކަމަށެވެ. އަދި ޕްލޭނެއްގެ ދަށުން މާލޭގައި ތިބި ރައްކާތެރި ނޫން ތަންތަން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް މާލޭގައި ހުރި ގުދަން ފަދަ ތަންތަން މިހާރުވެސް އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ތަންތަން ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ގުޅިފަޅަށް ބަދަލުކުރުމަށެވެ.

އަލިފާނުގެ ހާދިސާ ހިގާދިޔަ ސަރަހައްދަށް ވަޑައިގަންނަވައި އެތާނގެ ހާލަތު ބެއްލެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމުގެ ،މައުލޫމާތު ލިބިފައިނުވާ ކަމަށާއި ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ބޯހިޔަވަހިކަން ހަމަޖައްސައި ދިނުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.

ނީލާފަރު ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލާ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުއައްސަސާތަކުގެ އިތުރުން، އާންމުންގެ ވެސް ނުހަނު ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަން މިނިސްޓަރ ފާހަގަކޮށްލިއެވެ.

އަދި ހަމައެއާއެކު މިފަދަ ޙާދިސާތަކާ ގުޅިގެން މިހާރު އާންމުންވެސް ނުހަނު ހޭލުންތެރިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.