އައްޑޫ ސިޓީ ކައުންސިލް މެމްބަރަކު އެހެން މެމްބަރަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ރަސްގެދަރަ ކައުންސިލް މެމްބަރު ހަސަން ޒަރީރު "ވަގުތަށް" ވިދާޅުވީ އޭނާއަށް ހަމަލާ ދިނީ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝަނީޒު ކަމަށެވެ.

އޭނާއަށް ހަމަލާ ދިނީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ކަމަށް ޒަރީރު ވިދާޅުވިއެވެ.

އަދި އެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް އިންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މޭޔަރު އެ މަންޒަރު ދުށް ކަމަށް ނުހެއްދެވި ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

"ކޮމީޓީގެ ބައްދަލުވުމުގެ ރިޔާސަތު ބެެލެހެއްޓެވީ ޝަނީޒު، ދެން އެ ބައްދަލުވުމުގައި އަޅުގަނޑަށް ވާހަކަ ދައްކަމުން ދަނިކޮށް މެދުކަނޑާލާތީ ނިޒާމީ ނުކުތާ ނަގަން ފެށުމުން އެންމެ ފަހުން ތެދުވެ އައިސް އަޅުގަނޑު ކައިރިއަށް އައިސް ބުނީ ދެން ތި ކިޔާ އެއްޗެއް ކިޔާ ބަލާށޭ. އެހެން ކިޔާފަ ޝަނީޒު އަޅުގަނޑުގެ ގައިގައި ޖެހީ" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މިއީ އޭނާގެ ގައިގައި ޝަނީޒު ޖެހި ފުރަތަމަ ފަހަރު ނޫން ކަމަށާއި މީގެ ކުރިން އެލްޖީއޭގެ އިންތިހާބުގެ ދުވަސްވަރު ވެސް އޭނާގެ ގައިގައި ޖެހި ކަމަށެވެ.

"މާބޮޑު އަނިޔާއެއް ނުވޭ. ނަމަވެސް ޖަހައިގެން ނުވާނެތާ. މިހާރު އޮންނާނީ މައްސަލަ ފުލުހަށް ހުށަހަޅާފައި" ޒަރީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުކުޅާ

    ހޫނ،، އެތެރޭގަ އެކައްޗެއްވެސް ނެތް ބަޔަކު ނުބައްދަލު ބޮޑެތި ގޮނޑިތަކަށް ލެވުނީމާ ދެން ތިޒާތުގެ ކަންތައް ފެންނާނެ،،، އަދި ކަންތައް އޮތީ ކުރިއަށް

    16
    2