ނ. މާފަރުގައި އަލަށް ގޯއްޗަށް އެދޭއިރު، އެމީހަކަށް އެމީހެއްގެ މަންމަ ނުވަތަ ބައްޕަގެ މުދަލުން ތަރިކައިން ލިބެން އޮންނަ ބައިވެސް ދޫކޮށްލަން މަޖުބޫރުވާ ގޮތަށް އުސޫލު އެކުލަވާލައިފިއެވެ.

މާފަރު ކައުންސިލުން ވަނީ އެ ރަށުގައި ދިރިއުޅުމަށް ގޯތު ދޫކުރާއި އަމަލު ކުރާނެ އުސޫލެއް އެކުލަވާލައި ގެޒެޓްގައި އާންމުކޮށްފައެވެ. އެ އިއުލާނުގައި ވަނީ ނުވަ ޝަރުތެއް ކަނޑައަޅައިފައެވެ.

އެ ޝަތުރުތަކަކީ:
  • ދިވެހި ރައްޔިތަކަށްވުން
  • އުމުރުން 18 އަހަރު ވެފައިވާ މީހެއްކަމަށްވުން
  • ގޯއްޗެއްގެ އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން
  • ނުއުފުލޭ މުދަލެއް ބަހައިގެން ބިމުން ލިބިފައި ނެތުން ނުވަތަ އެ މުދަލެއް ދޫކޮށްލުން
  • ނުއުފުލޭ މުދަލެއް ތަރިކައިގެ އުސޫލުން ބަހައިގެން ބިމުން ލިބިފައިން އަންނަ ބައި ދޫކޮށްލުން
  • ފްލެޓް، ރޯހައުސް، ހައުސިން ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން
  • ބޯހިޔާވެހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތުން
  • އަމިއްލަ ނަމުގައި އޮތްގޯއްޗެއް ދޫކޮށްލާފައި ނުވަތަ ވިއްކާލާފައިވާ ފަސް އަހަރުވުން
  • ފްލެޓް، ރޯހައުސް، ހައުސިން ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެންމީހަކަށްދީ ނުވަތަ ވިއްކާލާފައިވާތާ ފަސް އަހަރުވުން

މާފަރު ކައުންސިލުން އާންމުކޮށްފައިވާ މި ޝަތުރުތަކާއި ގުޅިގެން އެ ރަށުގެ ގިނަ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އެންމެ ބޮޑަށް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ ތަރިކަ މުދާ ދޫކޮށްލުމަށް ޝަތުރުކޮށްފައިވުމުންނެވެ.

މާފަރު ރައްޔިތުން ބުނަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ބެލުމުން، ފާހަގަވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުގައި ބަޔާން ކުރާ މުދަލަކީ ތަރިކަ އުޞޫލުން ލިބިފައި އޮތް ބައެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ލިބެން އޮތް އެއްޗަކަށް ދީފައިވާ ގާނޫނީ ތަރުޖަމާއެއް ނޫން ކަމަށް އެމީހުން ބުނެއެވެ.

މާފަރު ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައި ކަންބޮޑުވުން ތަކެއް ހުރެގެން، އެކަން ސާފުކުރުމަށް ރައްޔިތުން ކުރި މަސައްކަތުގެ ތެރެއިން، އެ އިދާރާއިން އެ އުޞޫލު އެކުލަވާލާފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އެކުލަވާފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުމުގެ ޤަވާއިދު" އަސްލަކަށް ބަލައިގެން ކަމަށް މަޢުލޫމާތު ދީފައިވާ ކަމަށް ރައްޔިތުން ބުނެއެވެ.

ނަމަވެސް އެ ގަވާއިދުން، ތަރިކަ މުދަލުން ލިބެން އޮތް ބައި ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އެއްވެސް މާއްދާއެއް ފެންނާކަން ނެތް ކަމަށްވެއެވެ.

" ހައުސިން މިނިސްޓްރީއިން އެކުލަވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގައި، ދިރިއުޅުމަށްޓަކައި އަލަށް ގޯތި ނަގާ މީހުންގެ ހުންނަންވާ ޝަރުތުތައް ހިމަނާފައިވެއެވެ.

"އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މުފަދަ ބަޔެއް މި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން،. މި ފަދައިން ބަޔާންކޮށްފައި އެބަ އޮތް. ނަމަވެސް މިއީ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް އިސްލާޙު ގެނައުމުގެ ކުރިން ޢަމަލު ކުރަމުން އައި އުޞޫލެއް. ބިމާއި ބެހޭ ޤާނޫނުން މި ވާހަކަ އުނިކުރުމުން، މިއީ ޤާނޫނީ ބާރު ލިބިގެންވާ މާއްދާ ނޫން ހަމައެހެންމެ، ތަރިކައިން ލިބެން އޮތް އެއްޗެއްގެ ވާހަކަ މި ޤަވާއިދުގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައެއް ނުވޭ." މާފަރު ރައްޔިތަކު ކިޔައި ދިނެވެ.

ތަރިކަ މުދަލާއި މެދު އަމަލު ކުރަންޖެހޭ އުސޫލު ގުރުއާނުގެ ނައްޞުން ސާފުކޮށް އެނގެން އޮތްއިރު، ދިރިއުޅުމަށް ބަންޑާރަ ގޯއްޗަކަށް އެދޭ އިރު، ތަރިކަ މުދަލުން ލިބެން އޮތް ބައި ދޫކޮށްލަން ޝަރުތު ކުރުމަކީ، އިސްލާމްދީނުގެ އަސާސް އާއި ޚިލާފު ކަމެއް ކަމަށް މާފަރު ރައްޔިތުން ފާހަގަކުރެއެވެ.

ނަމަވެސް، ބަންޑާރަ ގޯއްޗެއް ލިބުމުގައި، އެމީހެއްގެ ނަމުގައި އެހެން ބިމެއް ނުވަތަ ގޯއްޗެއް އޮންނަ މީހާއަށް މާކްސް ދިނުމުގައި ތަފާތު ކުރުމެއް ގެންގުޅެވިދާނެ ކަމަށް އެމީހުން ބުނެއެވެ.

ރައްޔިތުންގެ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށާއި އެކަމަށް ކައުންސިލުން ހައްލެއް ހޯދައި ނުދެއްވައިފިކަމުގައިވާ ނަމަ ކޯޓު މެދުވެރިކޮށްވެސް މިކަމަށް ހައްލެއް ހޯދުމަށް ތައްޔިތުން ތިބީ ތައްޔާރަށް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަހާ

    މިހާރު ދެން ތީ ވަރަށްބޮޑުވެއްޖެކަމެއް،
    މުލީގަވެސް މި މައްސަލަވަނީ ވަރަށް ބޮޑުވެފައި،

    13
  2. އަލިމުތް

    ރަނގަޅު ހަމަ. ހުރިހާ ކޮޅަކުން ކާކަށް ނުޖެހޭ. ތަރިކަ އިން ލިބޭ ބައިގަ ދިރިއުޅެވޭހާ ޖާގަ އޮތިއްޔާ އިތުރަށް ބިން ހޯދަނީ ވިޔަފާރި ކުރަންތަ؟

    12
    4
    • Anonymous

      ޖާގަ އޮތިއްޔާ ރަނގަޅު، ލިބެން އޮތް ބައެއްގެ ވާހަކަ އޮތީމަ މައްސަލަ އަކީ

      10
      1
  3. ކާފަދ

    ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށާއި މަޖްލިސް މެމްބަރުކަމަށާއި ކައުންސިލް މެނަބރުކަމަށް މީހުން ހޮވަނީ ، އެމީހުން ހޮވައިދޭ ރައްޔިތުންނަށް ، ފައިދާއަށްވުރެ ބޮޑަށް ގެއްލުންދޭންތާދޯ.

  4. މުލަކު މީހާ

    ތި ވިސްނުން އަދ ރަނގަޅެއް ނޫން! ބަންޑާރަ ބިމަކީ ތަރިކަ މުދަލެއް ނޫން! އެއީ ވަކި ބަޔަކު ދިރިއުޅެން ދޫކޮށްފަވާ ބިމެއް. އެމީހުން ނެތުމުން އެބިމަކީ ދައުލަތުގެ އެއްޗެއް! ބިމުގައި ވާ ބަހައިގެން ލިބެން ޖެހެނީ. ބިމެއް ނޫން. ބިން ހިތު ހުރި މިންވަރަކަށް ބެހުން އެއީ ގޯހެއް!
    ބިން ދޫކުރި ދަރިންގެ ތެރިއިން އެބިމުގައި އުޅެން އެކަށީގެން ވާ އަދަދަކަށް ބައިކޮށް އަލުން އެމީހުން ދިރިއުޅެން ދޫކުރުމަކީ އައިލާއަސް އެއްބަސްވެވޭނަމަ މައްސަލއެއް ނޫން. ނަމަވެސް އެއްބސް ނުވެވެ ހާލަތްތަކުގައި ދައުލަތަށް އެބިން ނެގުން ރަނގަޅީ!

    8
    1
  5. ހުޗެން

    ގދ.ހަވަރު ތިނަދޫއިން ބުނަނީ ތަރިކަ މިދަލުން ލިބެން ޖެހޭބައި ސައުދު އަލީ ކިޔާމީހަކަށް ދީނުމުން ނޫނީ ގޯތި ދޫނުކިރެވޭނެކަމަށެވެ. އޭނާ ހިތުން ތިނަދޫގައި ހުރި ހުރިހާ ގޯއްޗަކީ އޭނާގެ ތަރިކަމުދަލެވެ. އެކަން ވަރަށްނޮޑަށް ސާފުވާނެ ދެއްވަދޫ ކުންފުންޏަށް 2 ހެކްޓަރުގެ ބިން ހިބަކޮއްފަދިން ދިނުންވެސް. ދެން ތިނަދޫ ރައްޔިތުން ހޮވާފަ ތިބި ދެބިގަރުނަ ބާރަށް އަތްޖަހާ ނަށާ ހަދައެވެ. ދެން އަހަރުމެން ހޭބަލިވެގެން ގޮސް އިބުރޭއަށް ވޯޓު ދިނީމާ ހުންނާނީ ރާކަނިމަސް ހެސްކިޔާފަ ކެވިފައެވެ

  6. Anonymous

    އިސްލާމްދީނުގައި ތަރިކަ މުދަލުގެ މުހިއްމު ވާހަކަ ކީރިތި ޤުރުއާނުގައިވެސް އަންގަވާފައިވޭ.
    ތަރިކައިން ލިބޭ އެއްޗަކީ އެމީހަކަށް ލިބޭ ޙަލާލް މުދަލެއް.
    ދަރިންނޭ، ﷲގެ ޙުކުމްފުޅުތަކަށް ގޮންނުޖަހާ !އާޚިރަތަށް ބިރުވެތިވެ ދުނިޔޭގެ ކަންކަން ނިންމުމުގެ ހެޔޮވިސްނުން އަޅަމެންނަށް ދެއްވާށި. އާމީން. ޢިލްމްވެރިންގެ ރައުޔަކީ ކޮބާތޯ ބަލަމާ

  7. Anonymous

    ޕޮއިންޓް ދޭއިރު ތަރިކަ ބިން ލިބޭ މީހުންގެ މާރކްސް ދައްކޮއްލާ، އެމީހުން ފެއިލް ފެއިލް ފެއިލް

  8. Anonymous

    ވާރުތަ މުދަލުން އޭގެ ޙައްޤުވެރިން މަޙްރޫމު ކޮށްފި މީހާ ސުވަރުގެ ނުވަންނާނެކަމަށް އަންގަވާފައިވޭ.
    ދުނިޔޭގެ ކަންކަން ﷲ ސުްބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ވުރެ މޮޅު ގޮތަކަށް އަހަރެމެން ނިކަމެތި އިންސާނުންނަށް ނުނިންމޭނެ.
    ކައުންސިލް ވިޔަސް، ވެރިން ވިޔަސް ދީނުގެ އަޞްލެއް އުޞޫލެެއް ނޭނގޭ މީހުންނަށް މަޤާމު ދިނީމަ ވާގޮތް މިހިރަ ފެންނަނީ ހަފަރާތުން .
    ތަވްބާވެ އިޞްލާޙް ވަމާ