ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ގިނަ ގޮތް ގޮތުން ބަދަލުތަކެއް ގެނެސްދީ، ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށެވެ. އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓިފައި އޮތީ ބޭންކްގެ ހަކަތަ އާއި ފަންވަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިންގެ އަމިއްލަ ބޭންކެއް އުފެދި، ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް މި ބޭންކުން ފަހިކޮށްދިނުމާއެކު، ދިވެހި މަސްވެރިކަމުގެ ޞިނާޢަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ. މަސްވެރިކަމަށް ޚާއްޞަކޮށްގެން ދޫކުރި ލޯނުތަކުގެ ސަބަބުން، މަސްއޮޑިފަހަރުގެ ފަށަންތައް 20 ން 25 ރިޔަނުން، 30 ން 40 ރިޔަނަށް ބަދަލުވެގެންދިޔަ. ނިރޮޅު ލަކުޑީގެ ދޯނިފަހަރު ދޫކޮށް، ފައިބަރު އޮޑިފަހަރުގައި ރާއްޖެ އޮބާ ހިސާބަށް ބޮޑު ކަންނެއްޔަށް ނުކުންނަން ފެށި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމަށް ވެސް ހަމަ އެ ފަދަ އިންގިލާބީ ބަދަލުތަކެއް ބޭންކުން ގެނެސްދީފައި އޮތް ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"މި ބޭންކު އުފެދުނުއިރު، ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ވީ އެންމެ 10 އަހަރު. މާގިނަ އަތޮޅުތަކަކަށް އޭރު ޓޫރިޒަމް ތަޢާރުފެއް ނުވޭ. މިދިޔަ 40 އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ރިޒޯޓްތައް ތަރައްޤީކޮށް، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގައި، މި ބޭންކުގެ މާލީ ދައުރުގެ ހިއްސާ ވަރަށް ބޮޑު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގައި ވެސް ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން ދިޔައީ ބޭންކްގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގައި ކަމަށެވެ. މީގެ 40 އަހަރު ކުރިން ރާއްޖޭގައި މި ބޭންކު ހުޅުވިއިރު، މި މާލޭގައިވެސް، ބުރިބުރިއަށް ނަގާފައި ހުރި ގެތައް ވަރަށް މަދު ކަމަށާއި އެއީވެސް ދެ ބުރި ނުވަތަ އެންމެ އުސްވެގެންވެސް ތިނެއް ނޫނީ ހަތަރުބުރިއަށް ރާނާފައި ހުރި އިމާރާތްތައް ކަމަށް ވިދާޅުވިއެވެ.

"ނަމަވެސް، މި ބޭންކުގެ ޚިދުމަތްތައް ފުޅާވެ، ޢުމްރާނީ ތަރައްޤީގައި ވިޔަފާރީގެ ލޯނުތައް ތަޢާރުފް ކުރުމާއެކު، ޢުމްރާނީ ތަރައްޤީގެ ރޮނގުން ކުއްލި ބަދަލުތަކެއް ރާއްޖެއަށް އަންނަން ފެށި. މާލޭގެ ވަރަށް ގިނަ ގޯތިތަކުގައި، ޒަމާނީ ފަރުމާތަކަށް ދިހަ ބާރަ ބުރީގެ ޢިމާރާތްތައް މައްޗަށް އަރަން ފެށި. އެ ޢިމާރާތްތަކާއެކު، ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ، ވިޔަފާރީގެ ފުރުޞަތުތައް އެތައް ގުނައަކަށް ތަނަވަސްގެން ދިޔަ." ރައީސް ވިދާޅުވިއެވެ.

ރައިސްގެ ވާހަކަފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެދިގެން އައި ގޮތާއި އެދުވަސްވަރު ރާއްޖޭގެ ބޭންކިން ނިޒާމް ހިނގަމުން އައިގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން، ބޭންކު އޮފް މޯލްޑިވްސް އުފެއްދީ ބަނގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައިކަން ފާހަގަ ކުރައްވައި، ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށާއި ބަނގުލަދޭޝްގެ ސަރުކާރަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް ދެ ފައުންޑަރުންނަށާއި، އެބޭންކަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސްއިބްރާހީމް މުހައްމަދު ސޯލިހެވެ.

ބޭންކް އޮފް މޯލްޑިވްސް ހުޅުވުނީ، 1982ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާބެ

    އަަދިވެސް ދޮގެއް އޮތިއްޔާ ހަދާތި މިހާރުވެސް ވޯލްޑްބެންކްގެ ކެޕޭސިޓީ ބިލްޑީންގ ފަނޑުގެދަށުން އެކައުނޓިންނާ ޑައިވިންގ ތަމްރީންތަކާ ކިޔެވުންތަކައް ބޭނުންވާ ފޮތްކޮޅުވެސް ނުދީ ދޭން ބުނި ސްޓައިޕެންޑުވެސް ކާލާގެން އެހުރީ ކިނބޫ އެތައް ކުދިނެނެއް ގުނބޯހައްދާފަ

    10
  2. ގޯޔާ

    ރާއްޖޭގެ އިގްތިސާދު ދިރުންލެއް ބޮޑުކަމުން ދަރަނި 100 ބިލިއަނައް އަރައިފި. ޑޮލަރު ތާށިވެއްޖެ. ޖީއެސްޓީ ބޮޑުވެއްޖެ.

    11
  3. ކެނެރީ

    ކަލޭ ވެރިކަމާ ހަވާލުވެ ވަށްކަން ނުކުރި ނަމަ ތިޔަބޭންކުން މިއަށްވުރެ މާރަނގަޅު ކަންތައްތަކެއް ދިވެހިންނަށް ކޮންދިނީސް ކަލޭ ވެއްޖެ ދިވެހިގައުމު ހަޒާނާ ދަވާލަން

  4. އާދަނު

    އެހެންވެތަ އަހަރު ދެކޮޅުން ރުފިޔާ ޗާޕްކޮށް ، 50 އަހަރުން އަދާކުރާގޮތަށް އެތައް ބިލިޔަނެއް ތި ޗާޕްކުރީ؟ ތަންތަން މޮގޭޖްކޮށް ދަރަނި ނަގަނީ؟ ޓީބިލްވިއްކަނީ؟ މީ ކޮންތާކު ބުރާންޗެއްބާއޭ މަހިތަށްއަރާ!!!!!! ޑޮލަރު ނުލިބެނީ؟ ސޭވިން އެކައުންޓްތަކަށް އެއްޗެއް ނުވަންނަނީ؟

  5. ކޮރަލް

    އެންމެ ބޮޑު ފައިދާ އެއްވި އެކަކީ ސަންޓްރެވަލް ޝިޔާމް އެވެ. އޭނަ ޔާމީން ދޫކޮށް އަމިއްލަ އަށް ވެރިކަމާ ކުރިމަތި ލަނީ އެވެ.