ސ. ފޭދޫން، ފާތުމަތު ސައުޝަން އަލީ

ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާ ކުރާ ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ރަނގަޅު ޒަމާނީ ތައުލާމާއި ތަމްރީން ދީގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ފޭދޫގެ ސްކޫލަށް 50 އަހަރު ފުރުނު ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދު ފޭދޫގެ ކޮންމެ ރައްޔިތެއްގެ މޫނުމަތިން ފެންނަމުންދަނީ ހިނިތުންވުމާއި އުފާވެރިކަން ކަމަށެވެ.

ރައްޔިތުންގެ މޫނުމަތީގައިވާ ހިނުތުންވުން ރަމްޒުކޮށްދެނީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުންގެ ބުރަ މަސައްކަތުން އިންދާ ފެންދީ ހެއްދި އިލްމީ ގަހުގެ 50 އަހަރުވީ ހިޔަލުން އެ ރަށަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަންކަމަށް ވިދާޅުވިއެވެ.

" މި ސްކޫލް އެންމެ ފުރަތަމަ ހިންގަން ފެށީ މިދިޔަ ގަރުނުގެ މެދުތެރޭގައި ގަމުގައި. އެތާރީހުން މުއްދަތު ގުނާއިރު ފޭދޫ ސްކޫލަށް 60 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. މިއީ އިނގިރޭސި ސިފައިން ގަމަށް އައުމުގެ ކުރީގެ ސްކޫލެއް. މި ސްކޫލްގެ ތާރީހުން އެނގެނީ މި ރަށުގައި ތައުލީމް ފެތުރުމަށް މި ރަށުގެ ރައްޔިތުންކުރި މަސައްކަތް." ރައީސް ވިދާޅުވިއެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރަސްމީ ތާރީހުގެ ތައުލީމަށް ބަލާއި 1980 ގެ އަހަރުތައް ފެށިގެން އައިއިރުވެސް މާލެ ފިޔަވަހައި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ވެސް ކުދިންނަށް ކިޔަވައިދެމުން އައީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހިންގި ތަންތަނުގައި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފޭދޫ މަދަރުސާއަކީ އަކީ 1992 އަހަރާއި ޖެހެންދެން ރަށު ރައްޔިތުންގެ މިންނެތް މަސައްކަތުން ހިންގި މަދަރުސާއެއްކަމަށެވެ. ދަރިންނަށް ކިޔަވައިދިނުމަށް ފޭދޫ ރައްޔިތުން އުފުލި ތަކުލީފުގެ ފޮނި ނަތީޖާ މިއަދު މުޅި އައްޑޫއަށް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކޫލެއް ހިންގުމަށް ފޭދޫ ރައްޔިތުން ސަމާލުކަމެއް ދިނީ ފޭދޫގައި ތައުލީމީ ދަރިންތަކެއް އުފެއްދުމަށް ކަމަށެވެ. އަދި އެ އަތޮޅުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ކަމަށް ވިދާޅުވިއެވެ. ފޭދޫގެ މުޅި ތާރީހުގައިވެސް ރަށުގެ ތަރައްގީއަށް ކޮށްފައިވާ އެންމެ އިންވެސްޓްމެންޓަކީ ރަށު ސްކޫލް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދިނީ ތައުލީމަށް. ދަރިންނަށް ކިޔަވައިދީގެން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް. ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގެ ތަރައްގީއަށް މަސައްކަތް ކުރާނެ ތައުލީމީ މީހުން ބިނާކުރުމަށް. ކުރިއޮތް ތަނުގައި ވެސް މި ދާއިރާއަށް އިސްކަން ދޭނަން." ރައީސް ވިދާޅުވިއެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ ހުލްގު ހެޔޮ ދީނީ އަގީދާތައް ވަރުގަދަ ދަރިވަރަކަށް ހެދުމަށް ސަމާލުކަން ދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީން ލިބިފައިވާ ކުދިންތަކެއް އުފެއްދުމަށް ވެސް އިސްކަންދެއްވާ ކަމަށެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

އެކަމަށްޓަކައި އެކުލަވާލި ތައުލީމީ ސިޔާސަތަކީ ތައުލީމީ ނިޒާމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އިސްލާމްދީނުގެ ހައްސަ އަގީދާއަށް ދަރިން ހޭލުންތެރިކުރުމާއި ދީން މަތީގައި ދަރިން ތަރުބިއްޔަކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާ ކުރާ ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ރަނގަޅު ޒަމާނީ ތައުލާމާއި ތަމްރީން ދީގެން ކަމަށެވެ.

އެ މީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްގީކޮށްގެން އަމިއްލަ ހަޔާތުގައި މިސްރާބު ސީދާ ކުރެވޭނެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދީގެން ކަމަށް ވިދާޅުވިއެވެ. އާއިލާއާއި މުޖްތަމައުގައި ބަސް ވިކޭނެ ބަޔަކަށް ޒުވާނުން ވެގެންދާނީ ވެސް އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާތިމާ

    ރައީސް ޔާމީން ތަރައްޤީކޮށްދެއްވި ސްކޫލެއް ފޭދޫ ސްކޫލަކީ. އިބުރާހީމަކީ މީހަކު ލިޔެފަ ދިނީމަ އެ ލިޔެފަ އޮތް އެއްޗެއްް ކިޔާ މީހެއް. އައްޑޫއަށް ތަރައްޤީ ނުގެނެނވޭނެ އިބުރާހީމުމެން 5 ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އަދި އެއްވެސް މަސައްކަތެއް ކޮށް ނިންމާނުލެވޭ. މިއޮތް ހަދާ މަގެއް ވެސް ދޯ. ހަމަ ލަވަލަވާ ތިބެނީ އިންތިޚާބު އަންނަންދެ

  2. އަލީ

    ތިކިޔާ ޒަމާނީ ތައުލީމުގެ ނަތީޖާ ވަރަށް ރަނގަޅައް ފެނޭ މިހާރު!!!

  3. ރަން ރީނދޫ

    އެންމެނަށް ވެސް އެނގޭ ،ޒަމާނީ ތަޢުލީމުގެ މުހިންމުކަން، ރީތި އުސް އިމާރާތްތަކުން ރަށްރަށުގެ ތަހުޒީބާއި އުމްރާނީތަރައްގީ ދައްކައިދޭކަން. އެކަމަކު، މިކަންކަން ހާސިލުކުރުމަށް ކުރާނެ ކަމެއް ނޭނގޭނެ، ރިއެކްޓް ކުރަން ނޭނގޭ ދެބަންދިހާރުންނަކަށް.

  4. ޖަޒުބާތް

    މީ ވަރަށް ތައުލީމަށް އިސްކަންދޭ ރައީސެއް! އިބްރާހިމް ސާލިހު ކޮށްދީފަ އެބަހުރި ސަޅި ކަންތަށް! ގިނަ މީހުނަށް ނޭގުނަސް ނުފެނުނަސް! ދެވަނަ ދައުރެއް ދޭން ފެނޭ!! މަ ކާ ނުލާތި!!

    1
    6
    • މިސާލަކަށް އެންމެ ކަމެއް…
      ތައުލީމަށް މަސައްކަތް ކުރޭ ޕޯޑިއަމްތަކުގަ އަބަދުވެސް…އެކަމަކު އެކަކުވެސް ތަހުޒީބާ ގާތަށްވެސް ނާދެވޭ…މުޖުތަމައު އަމަނާ އިޖްތިމާއީ ފޭރާން ގެއްލިއްޖެ…ކޮންކަހަލަ ތައުލީމެއްބާ މި ދެނީ…

      4
      1
  5. ނޫން

    ދިވެހި ގައުމު މިހާރު އޮތް ހާލަތުން ތަޢުލީމު ބޭނުމެއް ނުވޭ… ސިޔާސީ ވީމަ ނިމުނީ…. މިކަން އެނގެނީ މަޖިލިސް މެމްބަރުންނާ ސިޔާސީ ވަޒީފާ ތަށް ބަލާލީމަ…. ކިޔަވައިގެން ހުންނަ މީހުނަށް ވުރެން ދެގުނަ ސިޔާސީ ވަޒީފާގަ ތިބޭ މީހުނަށް ލިބޭ

  6. Anonymous

    ދެން ކޮބާތޯ އުޚްރަވީ ޙަޔާތުގެ ވާހަކަ.
    ޒަމާނީ ތަޢްލީމު ހޯދާފައި ދީނުގެ ޢިލްމު ނެތީމަ ތިމާ މަރުވެދިޔުމަށްފަހު ހިސާބު ބެލެވި ޖަޒާލިބޭކަން އަންގަވާފައި ވާއިރު އެދުވަހަށް ދަރިވަރުން ތައްޔާރު ނުކުރަނީ ކީއްވެތޯ. އޭނޫންތޯ ނިމުމެއް ނެތް ދުނިޔެއަކީ ،ދާއިމީ ގޯއްޗަކީ. ޒިންމާ ނަގަން ޖެހޭނެ ވެރިން. ސުވާލު ވެވޭނެ ކޮންމެ މީހަކާއި ވެސް އެމީހަކާއި ޙަވާލުވެފައިވާ ކަންކަމާއި. ދުނިޔޭގެ ތަރައްޤީ ކަމަށް އެކަކަށް އެފެނުނީ ވެސް ޖުވާކުޅޭ ތަންތަން. ބަލަ މީ އިސްލާމުންނޭ. އަހަރެމެންނަކީ މުސްލިމުންނޭ. ޖުވާގެ ޙުކުމް އަންގަވައިފައިވޭ. ޓެކްނޮލޮޖީ ހަފަރާތުން ފޭބިޔަސް ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ހުއްދަ ނުވާނެ. ހެޔޮވިސްނުން ދެއްވާށި އާމީން