މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުންނަށް ވޯޓުލެވޭ ވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ތާރީހުތަކާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަަތެއްގައި އިންތިހާބު ހަމަ އެ މަހުގެ 30 ގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަޔަކާ ހަމައަށް 280،000 އެއްހާ މީހުންނަށް ވޯޓު ލެޥޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގައި ވޯޓު ދިނުމުގެ ހައްގު ލިބެނީ 18 އަހަރު ފުރުމުންނެވެ.

ފުއާދު ވިދާޅުވީ 2018 އާއި 2023 ގެ އިންތިހާބާ ދެމެދު 18 އަހަރު ފުރިގެންނާއި އަދި މަރުވި މީހުންގެ ނިސްބަތުން މި އަހަރުގެ އިންތިހާބުގައި ގާތް ގަނޑަކަށް 21،000 މީހުންނަށް އަލަށް ވޯޓު ލެވޭނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 262،135 މީހުންނެވެ.

އިންތިހާބުގައި 50 ރިސޯޓެއްގައި ވޯޓު ފޮއްޓާއެކު 600 ފޮށި ބެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދާނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އަދި އިންތިހާބުގެ ކަންކަމުގައި ބިދޭސީން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ފަޅިއަށް ވެސް ސަރުކާރާ ވާދަވެރި ފަޅިއަކަށް ވެސް ނުޖެހޭނެއެވެ. ހުރިހާ ފަރާތްތަކާ ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ކުރީގެ ޓަންއައުޓް ނުވަތަ ވޯޓުލީމީހުންގެ އަދަދަށް ބަލާއިރު އެއީ 89% ، ވީމާ 2023 އިންތިޚާބުގައި ވޯޓުލާލެކަމަށް ބެލެވެނީ ގިނަވެގެން 90 ނުވަތަ 92 % މީހުން. ވީމާ އެއްވެސް ކެންޑިޑޭޓަކު ކާމިޔާބުލކުރުމަށްޓައި 130،000-135000 ވޯޓު ހޯދަންޖެހޭ